logo

މާލޭގައި ބަނގުރާ އުފައްދައި ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:29

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ވިއްކައި ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު ގިނަ އަދަދެއްގެ ބަނގުރަލާއެކު ދިވެހި ފުލުހުންގެ ހިދުމަތުން އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރް އަދި 30 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އެ މީހުން މާލޭގެ މަގުމަތިން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލުގެ އިތުރުން މާލޭގައި އެ މީހުން ދިރިއުޅެމުންދިޔަ ގެއެއް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.

ފުލުހުން ހިންގި މި ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 16 ޓައްޕުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ. އަދި މި އޮޕަރޭޝަނާ ގުޅިގެން، ކުށް ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ޓޯކޮށްފައެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތަހުގީގީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި އެ ދެ މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކުރުމާއި، ކައްކައިގެން އުފެއްދުމާއި އޭގެ ވިޔަފާރިކުރުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުން ހަރުކަށިކޮށް މަނާކޮށްފައިވާ ބޮޑު ކުށެކެވެ. ފަހަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން ގްރޫޕް ހަދައިގެން ގޭގޭގައްޔާއި ފަޅުރަށްރަށުގައި ބަނގުރާ ކައްކައި، ފުޅިފުޅިއަށް އަޅައިގެން ޑެލިވަރީ ކޮށްދިނުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާމާއި އަމަންއަމާންކަމަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ސަރުކާރުންނާއި ސަލާމަތީ ބާރުތަކުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319