
އެލްނީނޯގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރ މަހުގައި: މެޓް އޮފީސް

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 04:45
އެލްނީނޯގެ އަސަރު ރާއްޖެއަށް އެންމެ ގަދައަށް ކުރާނީ، އަންނަ ނޮވެންބަރު މަހު ކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ.
އެއީ ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގައި ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަށް ވެސް ދެމިގެންދެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު މެޓުން ވަނީ، އެލްނީނޯގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
މި ހާލަތުގައި، ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މަސްވެރިންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެ ދުވަސްވަރުގައި ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެހެންވެ، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. މި ހާލަތު އަންނަ ފެބުރުވަރީއާ ހަމައަށް ދިގުލައިގެން ދާނެ ކަމަށާއި އެ މުއްދަތުގައި ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ވިޔަފާރިތަކަށް އެހީ ދިނުމަށް، އައިޓީއެފްސީއާއެކު 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް!
4 ގަޑިއިރު ކުރިން

ސަތޭކަ އެތައް މިލިއަން ރުފިޔާގެ ލޯނު ނަގައިދީގެން އަނބިދަށުވެފަ އެހުރީ އަޅުގަނޑެއް ނޫން އަދުރޭ: ރައީސް ޔާމީން
5 ގަޑިއިރު ކުރިން

އެކްސިޑެންޓްގައި އަނިޔާވެއްޖެނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ: ޓްރާންސްޕޯރޓް މިނިސްޓްރީ
ދުވަހެއް ކުރިން

ސްރީލަންކާގައި މާބަނޑު އަންހެނަކަށް ވަޅިން ހަމަލާދީ މަރާލައިފި
2 ދުވަސް ކުރިން


