logo

ސަތޭކަ އެތައް މިލިއަން ރުފިޔާގެ ލޯނު ނަގައިދީގެން އަނބިދަށުވެފަ އެހުރީ އަޅުގަނޑެއް ނޫން އަދުރޭ: ރައީސް ޔާމީން

profile

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 04:38

އަނބިދަށުވެފައި ހުރީކީ އެމަނިކުފާނު ނޫން ކަމަށާއި، ސަތޭކަ އެތަކެއް މިލިއަން ރުފިޔާގެ ލޯނު ނަގައިދީގެން އަނބިދަށުވެފައި ހުރީ ޕީއެންސީގެ ނައިބްރައީސްގެ މަގާމުގައި ހުންނެވި އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޕީއެންސީގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައީ އެމަނިކުފާނު އަނބިދަށުވެގެން ކަމަށާއި، ނުލަފާ ގޮތްގަނޑެއް ގެންގުޅުއްވައިގެން ކަމަށް ވިދާޅުވެ އަދުރޭ ވަނީ ރައީސް ޔާމީންނަށް އަމާޒުކޮށް ސިޔާސީ ގޮތުން ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި "ޓައުން ހޯލް ޖަލްސާ"ގައި "އަސްލުޓީވީ"ން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އަނބިދަށުވެފައި ހުންނެވީ އެމަނިކުފާނު ނޫން ކަމަށާއި، އެމީހަކީ އަދުރޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބި މީހަކަށް އަދި އާއިލާ މީހަކަށްވެސް އަދި ދަރިއަކަށް ވެސް ލޯނަކަށް އެދިފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރު އައުމާއެކު އަދުރޭގެ އަނބިކަނބަލުންނަށް އެންމެ ފުރަތަމަ އިމާރާތް ކުރުމަށް ސަތޭކަ މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ.

"ކޮންމެ މީހަކުވެސް ފުރަތަމަ ހަން ކަހާލާފަ ފުރަތަމަ ބަލަންވީ ކޮން އެއްޗެއްތޯ އަޑީގަ ހުރީ. ކިހިނެއްވެގެންތޯ މި ސަރުކާރުގަ އަބުދުއްރަހީމްގެ އަންހެނުންނަށް ސަތޭކަ އެތައް މިލިއަން ރުފިޔާއެއްގެ ލޯނެއް ހަމަޖައްސައިގެން މިއުޅެނީ، ކޮންމެވެސް ކަހަލަ މަޝްރޫއުތަކެއް ހިންގަން. އަޅުގަނޑު ވެރިކަން ކުރިން އަޅުގަނޑު އަންހެނުންނަކަށް ލޯނެއް ހަމަޖައްސައެއް ނުދެން. އެހެންވީމަ ކާކު ބާ އަނބިދަށުވެގެން މި އުޅެނީ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަނބި މީހާ އާއި މެދު އޮންނަ ގާތް ގުޅުމުގެ ވާހަކަ ދެއްކެވުމަކީ ލަނދުވެތި ކަމެއް ނޫން ކަމަށާއި، އެއީ އާއިލާގެ ފެށުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރުގެ އެއްވެސް މަސައްކަތްތަކެއްގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފައިވަނީ ޖަލްސާތައް ޝަރަފުވެރިކޮށްދެއްވަން ނޫން ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ އަށް ވަގުތުގެ ދަތިކަން އައުމުން ރައްޔިތުންނާއި، ގުޅުން ހުރި ކަންކަމުގައި އަނބިކަނބަލުން އެހީތެރވެދެއްވަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާގައި މީގެ ކުރިން އަބުދުއްރަހީމް އާއި، މެންބަރު ފަލާހު އަދި ސުޖާ ގެ ވާހަކަ ތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ގާތް ބޭފުޅުންނެއް ނޫން ކަމަށެވެ.

https://wamco.com.mv/
tel:+9607331319