logo

މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކޮށްފި

profile

އާމިނަތު ޝަޒްލާ - 31 ޖުލައި 2026 - 11:53

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް އޮފީސް) ހާމަކޮށްފިއެވެ.

https://wamco.com.mv/

މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓްއޮރޮލޮޖިސްޓް އަޒީމާ އަޙުމަދު މިއަދު ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން، އެންމެ ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މިރެއާއި މާދަމާ ހެނދުނުގެ މޫސުމާ ގުޅޭގޮތުން އަޒީމާ ވިދާޅުވީ، މާދަމާ ހެނދުނާ ހަމައަށްވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. ނަމަވެސް، މާދަމާ މެންދުރުފަހުން ފެށިގެން ވައިމަޑުވެ، މޫސުން އަލިވާން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، އޭގެ ތެރޭގައި ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk