
ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 07:14
ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު ހެދުން އަޅަންޖެހޭ ގޮތުގެ މިންގަނޑުތަކަށް ބަދަލު ގެނެސް، ގަވާއިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އާއްމުކުރި ހެދުން އެޅުމުގެ އިސްލާހުގައި ބުނެފައިވަނީ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށެވެ.
ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވި ދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.
ސިވިލް ސާވިސްގެ ވަޒީފާ އަދާކުރާ ފިރިހެން މުވައްޒަފުން އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މި ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށެވެ. އަދި ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ ކަރުވަޅު ނިވައިވާ ގޮތަށް ކަމަށާއި، އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ގޮތަށް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަންހެނުން އޮފީހަށްދާއިރު މޭކަޕްކޮށް ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅެ އެވެ. އެކަމަކު އިސްތަށިގަނޑު ހުންނަން ޖެހެނީ ރީތިކޮށެވެ. އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، އޮފީހުގައި ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނެއްގައި ކަމަށް ވެސް އިސްލާހުކުރެވުނު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިފަދަ ބަދަލެއް ގެނެސްފައިވަނީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަލައިގަންނަ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
ގުޅުން ހުރި ޙަބަރުތައް

ކްލިނިކް ތަކުން އާސަންދަ ލިބޭގޮތް ހަދަނީ
3 ގަޑިއިރު ކުރިން

17 ރަށެއްގައި ކުޅިވަރާއި ގުޅޭ 20 މަޝްރޫއު ހިންގުމަށް ސިވެކް އާއި ހަވާލްކޮށްފި
3 ގަޑިއިރު ކުރިން

ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފި
3 ގަޑިއިރު ކުރިން

ހާލިދާގެ ޖަނާޒާގައި ވަޒީރު ހައިދަރު ބައިވެރިވެ ވަޑައިގަންނަވާނެ: ދިވެހި ސަރުކާރު
4 ގަޑިއިރު ކުރިން


