
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފި

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 07:14
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާއި އެ ކޮމާންޑުގައި ހިމެނޭ ބަހާތަކުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤް އާދަމް ފުޅާއި. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ހުސައިން އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝަރީފްއެވެ.
މި ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤް އާދަމް ފުޅު ދެއްކެވި ވާހަކަފުޅުގައި، ކުށްކުރާ ރެކޯޑް އޮންނަ ފަރާތްތަކާއެކު ބައެއް ކުޑަކުދިން ގިނަ ވަގުތު ހޭދަކުރާ މައްސަލަ ކަންބޮޑުވާންޖެހޭ މިންވަރަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ހާލަތްތަކުގައި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މާލޭގައި ނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އެކުދިން ގެންގޮސް، ބެލެނިވެރިން ހާޒިރުކޮށް މައުލޫމާތު ހިއްސާކުރާ ކަމަށް ވިދާޅުވިއެވެ. އަދި ދަރިން ކުރާ ކަންތައްތައް ބެލެނިވެރިން ބެލުމަށް އިލްތިމާސްކުރެއްވިއެވެ.
ގޭންގު ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އޮގަސްޓް 25 ވަނަ ދުވަހު އަމަލުކުރަން ފެށުމާއެކު، ގޭންގު ހަދައި އުޅޭ ނިސްބަތް މަދުވެ، މީގެ ކުރިން ޖަމާއަތް ހަދައިގެން އެކި ގޭންގުތަކުގެ ސިފައިގައި ކުށްކުރުމުގެ ރެކޯޑް އޮންނަ ފަރާތްތަކުގެ ހަރަކާތްތައް ވެސް މަދުވެފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފްރައުޑް އެންޑް ފައިނޭންޝިއަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ކައުންޓަރފީޓުގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އެމްބެޒެލްމަންޓުގެ 26 މައްސަލައާއި، ފޯޖަރީގެ 82 މައްސަލަ އަދި އެންޓި ޑިސެޕްޝަންގެ 39 މައްސަލަ ހިމެނެއެވެ.
އަދި މި އަހަރުގެ ތެރޭގައި ފޯޖަރީގެ 78 މައްސަލައާއި، އެމްބެޒެލްމަންޓުގެ 42 މައްސަލަ އަދި ކައުންޓަރފީޓުގެ 33 މައްސަލައާއި އޮޅުވާލުމުގެ 32 މައްސަލަ ތަހުގީގު ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި
3 ގަޑިއިރު ކުރިން

ކްލިނިކް ތަކުން އާސަންދަ ލިބޭގޮތް ހަދަނީ
3 ގަޑިއިރު ކުރިން

17 ރަށެއްގައި ކުޅިވަރާއި ގުޅޭ 20 މަޝްރޫއު ހިންގުމަށް ސިވެކް އާއި ހަވާލްކޮށްފި
3 ގަޑިއިރު ކުރިން

ހާލިދާގެ ޖަނާޒާގައި ވަޒީރު ހައިދަރު ބައިވެރިވެ ވަޑައިގަންނަވާނެ: ދިވެހި ސަރުކާރު
4 ގަޑިއިރު ކުރިން


