
ހެރީ ކޭން، ބަޔާން މިޔުނިކާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން..
ބަޔާން އަތުން ބަލިވެ އެޓަލާންޓާ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން - 19 މާރިޗު 2026 - 01:30
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގައި މިރޭ ރަށުން ބޭރުގައި ޖަރުމަނު ބަޔާން މިޔުނިކް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެ އިޓަލީގެ އެޓަލާންޓާ މުބާރާތުން ކަޓައިފިއެވެ.
މިދެޓީމުގެ އެޓަލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ފަސޭހަކަމާއެ 6-1 ގެ ތަފާތުބޮޑުނަތީޖާއަކުން ބަޔާން މިޔުނިކުން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއަޓާގެ ޖާގައް ކަށަވަރުކުރީ 10-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން އެޓަލާންޓާގެ މައްޗަށް ކުރިހޯދުމަށްފަހު އެވެ. އަދި މިއީ 2009 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގު ނޮކައުޓް މެޗެއްގައި ފެނިގެންދިޔަ އެންމެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ހެރީ ކޭން އެވެ.
މެޗުގެ ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކޭން ބަޔާންގެ ލީޑު ފުޅާކޮށްދިންއިރު، އޭގެ ދެ މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ލެނާރޓް ކާލް އެވެ.
ބަޔާންގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ކާމިޔާބުކުރިއިރު، އެޓަލާންޓާގެ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ލަޒާރު ސަމާރޑްޒިކް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިޔުނިކުން ނުކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. ރެއާލް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

މެސީ 900 ލަނޑު ހަމަކުރި ނަމަވެސް އިންޓަ މިއާމީ ޗެމްޕިއަންސް ކަޕުން ކަޓައިފި
18 ގަޑިއިރު ކުރިން

ގަލަތަސަރާއި ކަޓުވާލުމަށްފަހު ލިވަޕޫލުން ބަދަލުހިފައިފި
18 ގަޑިއިރު ކުރިން

ޓޮޓެންހަމް ކަޓުވާލުމަށްފަހު އެތްލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
19 ގަޑިއިރު ކުރިން

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ބާސެލޯނާއަށް ތަފާތުބޮޑު މޮޅެއް
19 ގަޑިއިރު ކުރިން


.gif&w=3840&q=75)