
އެތްލެޓިކޯ މެޑްރިޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...
ޓޮޓެންހަމް ކަޓުވާލުމަށްފަހު އެތްލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 19 މާރިޗު 2026 - 01:17
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވި ނަމަވެސް ކުއާޓާ ފައިނަލުގެ ފުރުސަތު ނުލިބި ޓޮޓެންހަމް މުބާރާތުން ކަޓައިފިއެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި މިދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 5-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއާޓާގެ ޖާގައެއް ހޯދީ 7-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.
ލަންޑަންގެ ޓޮޓެންހަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޓޮޓެންހަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރަންޑަލް ކާލޯ މުއާނީ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އެތްލެޓިކޯ މެޑްރިޑުންނެެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ޒަވީ ސިމޯންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ޓޮޓެންހަމްއަށް ލީޑު ހޯދައިދީފައެވެ.
އެތްލެޓިކޯ މެޑްރިޑުން ދެވަނަ ފަހަރަށް ނަތީޖާއެއްވަރުކުރި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭވިޑް ހެންކޯ އެވެ. އަދި މިމެޗުން ޓޮޓެންހަމް މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒަވީ ސިމޯންސް އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އެތްލެޓިކޯ މެޑްރިޑުން ނުކުންނާނީ ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށެވެ. ބަސެލޯނާ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 3-8 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

މެސީ 900 ލަނޑު ހަމަކުރި ނަމަވެސް އިންޓަ މިއާމީ ޗެމްޕިއަންސް ކަޕުން ކަޓައިފި
18 ގަޑިއިރު ކުރިން

ގަލަތަސަރާއި ކަޓުވާލުމަށްފަހު ލިވަޕޫލުން ބަދަލުހިފައިފި
18 ގަޑިއިރު ކުރިން

ބަޔާން އަތުން ބަލިވެ އެޓަލާންޓާ މުބާރާތުން ކަޓައިފި
18 ގަޑިއިރު ކުރިން

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ބާސެލޯނާއަށް ތަފާތުބޮޑު މޮޅެއް
19 ގަޑިއިރު ކުރިން


.gif&w=3840&q=75)