logo
ދިވެހިރާއްޖެ އާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން..

ދިވެހިރާއްޖެ އާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން..

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ބަކީ އެއްމެޗު އޮއްވައި ދިވެހި ޓީމު ތަށި ޔަގީންކޮށްފި

profile

ހަސަން ޝަމްއޫން - 24 ޖެނުއަރީ 2026 - 12:28

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަންގައި މިއަދު ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގު ބުރުގައި ބާކީ އެއްމެޗު އޮއްވައި ދިވެހިރާއްޖެ އިން މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކޮށްފިއެވެ.

https://wamco.com.mv/

މިމުބާރާތުގައި ރާއްޖެ އިން ވަނީ ލީގުބުރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް މޮޅުވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި 7-1 ގެ ނަތީޖާއަކުން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.އަދި ތިންވަނަ މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ހަތަރުވަނަ މެޗުގައި ނޭޕާލް އަތުން ދިވެހި ޓީމު މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޫޓާން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަަނ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖިގްމޭ ތިޝޫލް ޓްރިމް އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ހުސެއިން ޝަރީފް (އޮންލީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އަބްދުﷲ ޖުނެއިދު (ޖޭންނޭ) ވަނީ ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިއޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ދިވެހި ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. ބޫޓަންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި މިލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ. އަދި ދިވެހި ޓީމުން ލީޑު ފުޅާކުރި ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމެގެންދިޔައީ 3-1 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު މުބާރާތުގެ ލީގުބުރުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓާއެކު ދިވެހި ޓީމު އޮތްއިރު، ދެވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. މިއާއެކު ބާކީ އެއްމެޗު އޮއްވައި ދިވެހި ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ކަށަވަރުވެފައެވެ.

ތިންވަނައިގައި އޮތް ނޭޕާލަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ބަންގްލަދޭޝަށް ހަ މެޗު ކުޅެގެން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި މުބާރާތުފައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 4-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިވެފައިވާއިރު، މިއަދު ކުޅޭ ތިންވަނަ މެޗުގައި އިންޑިއާ އިން ނުކުންނާނީ ސްރީ ލަންކާ އާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay