
މާޒިޔާ އާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ރީހާން
ޕްރެޒިޑެންޓްސް ކަޕް: ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން - 10 ފެބްރުއަރީ 2026 - 15:24
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 1 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ މާޒިޔާ އިންނެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ލީޑު ހޯދައިދިނީ ބިދޭސީ ކުޅުންތެރިއާ ނާޒިމް މަމަދްޒާދާ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރުމައްޗަށް ހުރަސްކުރި ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސީދާ ޖާގައެއް ދިވެހި ޕްރިމިއާ ލީގުގެ 10 ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމަށް ލިބިފައި ވާއިރު، ރެލިގޭޓް ނުވެ އޮތް ދެ ޓީމު ފިޔަވައި އަނެއް ހަތަރު ޓީމަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ދީފަ އެވެ. އަދި ޕްލޭއޮފް ކުޅެ ވިކްޓަރީ އާއި އީގަލްސް ވަނީ ގުރޫޕް ސްޓޭޖުން ޖާގަހޯދާފައެވެ.
ދެ ގުރޫޕްކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ގުރޫޕް 1 ގައި މާޒިޔާ އަދި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ދެން ހިމެނެނީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އަދި ގުރޫޕް 2 ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސްގެ އިތުރުން ދެން ހިމެނެނީ އޮޑި ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 21:00 ގައި ގުރޫޕް 2 ގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
ދިވެހިރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ނަމުގައި 2005 ގައި ބާއްވަން ފެށީ އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އެއަށް ފަހު 2015 އިން ފެށިގެން އެކި ފޯމެޓްތަކަށް މުބާރާތް ބާއްވަމުން ގެންދިޔަ އިރު، އެންމެ ފަހު ދެ އަހަރު މުބާރާތް ބާއްވާފައި ވަނީ ސީޒަން ފެށުމުގެ ގޮތުން، ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ކުޅޭ މުބާރާތެއްގެ ގޮތުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ޕްރެޒިޑެންޓްސް ކަޕް: އޮޑި ސްޕޯޓްސް ކުލަބުން ނިއުރޭޑިއަންޓް މޮޅުވިޔަނުދީ ހިފަހައްޓައިފި
3 ގަޑިއިރު ކުރިން
ީ20 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމަށް މިއަދު އޯޕަން ސިލެކްޝަނެެއް ކުރިއަށް ގެންގޮސްފި
10 ދުވަސް ކުރިން

ގައުމީ ފުޓްސަލް ޓީމަށް ރައީސް މަރުހަބާ ދަންނަވައިފި
17 ދުވަސް ކުރިން

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ބަކީ އެއްމެޗު އޮއްވައި ދިވެހި ޓީމު ތަށި ޔަގީންކޮށްފި
17 ދުވަސް ކުރިން


