.jpg&w=3840&q=75)
ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު އަވަހާރަވެއްޖެ

ރިޟްވާން މޫސާ - 24 މާރިޗު 2026 - 07:23
ދިވެހި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އެ ޚިދުމަތުގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވެއްޖެއެވެ.
އަބުދުއް ޝަކޫރު އަބުދުﷲ އަވަހާރަވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިންޑިޔާގަ އެވެ.
ޢަބްދުއްޝަކޫރުވަނީ 30 ޑިސެންބަރު 1965 ން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، އިޚުލާޞްތެރިކަމާ އެކު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ.
އެންއެސްއެސްގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ ތަޙުޤީޤީ އިދާރާގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، އެންއެސްއެސްގެ ޚިދުމަތުގައި އުޅުއްވަމުން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމަނިކުފާނުގެ ޙިދުމަތުގެ އަގު ވަޒަން ކުރައްވައި 8 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި 2024 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ.






.gif&w=3840&q=75)