
ޕީޖީ އަންގައިގެން ބަލާ މައްސަލަތައް އަވަސްކުރަން އޭސީސީ އިން ނިންމައިފި

މުޙައްމަދު ފަޟްލޫން - 28 ޖޫން 2026 - 15:04
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އިރުޝާދުގެ ދަށުން ތަހުގީގުކުރާ މައްސަލަތައް އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި ބަދަލު ގެނެސްފައިވަނީ އޭސީސީގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުތަކާ ގުޅިގެންނެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި މި އިސްލާހުގައިވާ ގޮތުން، ޕީޖީ އަންގަވާ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމަންޖެހޭ މައްސަލަތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ދެ މަސްދުވަހުގެ މުއްދަތެއް ހަމަވުމުންނެވެ.
ގަވާއިދަށް ގެނައި ޖުމްލަ ނުވަ އިސްލާހުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން މި ނަމުގައި ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް އާ ބާބެއް އިތުރުކުރުމެވެ.
މި ބާބުގައި ޕީޖީގެ ފަރާތުން ވަކި މައްސަލައެއް ތަހުގީގުކުރުމަށް އަންގައިފި ނަމަ އަމަލުކުރާނެ އިޖުރާއަތުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
އަލަށް ގެނައި މި އިސްލާހުގައިވާ ގޮތުން، އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ތަހުގީގުކުރުމަށް ޕީޖީން އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު އަވަހަށް ނިންމަންވާނެއެވެ. އަދި އެއީ ކޮމިޝަނުގައި ކުރިން ރަޖިސްޓަރީކޮށްފައި ނުވާ މައްސަލައެއް ނަމަ، ޕީޖީގެ އެންގުމާ އެކު ލަސްނުކޮށް އެ މައްސަލައެއް ރަޖިސްޓަރީކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އާ ގަވާއިދުގައިވާ ގޮތުން، އޭސީސީ ގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ތަހުގީގުކުރުމަށް ޕީޖީ އަމުރުކުރައްވައިފި ނަމަ، އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން ވީހާވެސް އަވަހަށް ތަހުގީގު ނިންމަންވާނެ ކަމަށް ބުނެފައިވެއެވެ.
ޕީޖީގެ އެންގުމަކާ ގުޅިގެން ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ހާލަތްތަކުގައި، އެ އެންގުމެއް ލިބޭތާ ރަސްމީ މަސައްކަތު 7 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ނުދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް އިތުރު 7 ދުވަހުގެ މުއްދަތަކަށް އެދި ލިޔުމުން ހުށަހަޅަންޖެހެއެވެ.
މީގެ އިތުރުން، މި ބަދަލުތަކާ ގުޅިގެން އެކުލަވައިލަންޖެހޭ ތަހުގީގީ އުސޫލުތައް، އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ފައިނަލް ކުރަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ: އެމްއޭސީއެމް އެމްޑީ ޝަރީފް
3 ގަޑިއިރު ކުރިން

ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ސަލީމް
5 ގަޑިއިރު ކުރިން

ގުރައިދޫ މަގުތައް ތަރައްގީ ކުރަން ފަށައިފި
5 ގަޑިއިރު ކުރިން

ރިނބުދޫގައި 250 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ފެނަކައިން ބަހައްޓައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)