logo

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތުވާ މީހާ އެހެން މައްސަލައެއްގަ ބަންދަށް!

profile

އާމިނަތު ޝަޒްލާ - 26 މޭ 2026 - 11:32

އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް، މަރްޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފިއެވެ.

https://wamco.com.mv/

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަހަރު ފުލުހުން ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓް ވިލާ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހުއެވެ.

ރިޝްމާހު ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑު މައްސަލައަކީ، ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި، މެލޭޝިޔާ އަންހެނަކު ގެނައި މައްސަލައެވެ. އެއީ ރަންޖިނި ޖީވަނަންތަންއެވެ. އޭނާ ވެސް އެ މައްސަލައިގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އާއްމުވެފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި ޖުމްލަ ތިން މީހަކު މި މައްސަލައިގައި ހިމެނެއެވެ. އެއީ ރިޝްމާހު އާއި ރަންޖިނި ޖީވަނަންތަންގެ އިތުރުން އަދި، ގދ. ވާދޫ، ފުރުސަތު، އުމުރުން 29 އަހަރުގެ ލޫޠު އިބްރާހީމްއެވެ.

ރިޝްމާހު ހައްޔަރުކޮށްފައި ދުވަސްކޮޅަކު ބެހެއްޓުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލިކަން ކުރީގެ ރިޕޯޓްތަކުން އެނގެއެވެ. އެކަމަކު މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި މީގެ ދުވަސްކޮޅެއް ކުރިން އޭނާވަނީ އަލުން ހައްޔަރުކޮށްފައެވެ.

ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ރަންޖިނި ޖީވަނަންތަން ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށް އޭނާ ބުނެފައި ވަނިކޮށް، އެ ފޮށިގަނޑު ބަލައި ދިޔައީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ކަމަށް އެ މައްސަލައިގައި ހިމެނޭ ލޫތު ވަނީ ބުނެފައެވެ.

މި މައްސަލައިގައި، ރިޝްމާހު ޝަރިއަތް ނިމެންދެން ބަންދު ކުރީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk