logo

ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން މާދަމާ ބާއްވަނީ

profile

އައިމިނަތު ރޫޔާ - 27 އޮކްޓޯބަރު 2024 - 14:59

ގުޅީފަޅު ބިން---

ގުޅީފަޅު ބިން---

"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން މާދަމާ ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން މިއަދެ ނެރުނު އިއުލާނެއްގައި ބުނީ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން މާދަމާ ހެނދުނު 09:00 ގައި ދަރުބާރުގޭ ބަނޑޭރި މާލަމްގައި އޮންނާނެ ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ ގުރު ނެގުމަށްޓަކައި ގުޅީފަޅުން ދޫކޮށްފައިވާ 7 ކެޓަގަރީއަށް ނިސްބަތްވާ ގޯތިތަކުގެ އަކަފޫޓުގެ ތަރުތީބުން ވަކިވަކި ފޮށިތައް ޚާއްސަކުރެވިފައިވާނެ ކަމަށެވެ.

އެއީ، 1250 އަކަފޫޓް، 1650 އަކަފޫޓް، 2050 އަކަފޫޓް، 2450 އަކަފޫޓް، 2850 އަކަފޫޓް، 3250 އަކަފޫޓް އަދި 3650 އަކަފޫޓްގެ ގޯއްޗެވެ.

އެގޮތުން، ކޮންމެ ފޮށްޓެއްގައި ހިމެނޭ ފަރާތްތަކުގެ ލިސްޓް އެކުލަވާލާފައިވަނީ، އެފޮށްޓަކަށް ޚާއްސަ ކޮށްފައިވާ ފޯމް ނަންބަރުގެ ތަރުތީބުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުރުނަގަން ފަށާނީ މިނިސްޓްރީން އިއުލާންކޮށްފައިވާ ތަރުތީބުން ކަމަށާއި ގުރުކަރުދާސްކޮޅު ނެގުމުން ކަރުދާހުގައި ހިމެނޭ ބާކޯޑް ސްކޭން ކުރާނެ ކަމަށެވެ. އަދި އެ ސްކޭނާއެކު އެތަނުގައި ބަހައްޓާފައި ހުންނަ ސްކްރީނުން ފޯމުގެ މައުލޫމާތާއި ލިބިފައިވާ ބިމުގެ ތަފްސީލް ފެންނާނެ ކަމަށެވެ.

ގޯތި ލިބުނު ފަރާތްތަކަށް އެސްއެމްއެސްގެ ޒަރީޔާއިން އަދި ހިޔާވަހި ޕޯޓަލް އިން ބިމުގެ ތަފްސީލް ލިބޭނެކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ހައުސިން މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބުނީ ފާސްކޮށްފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (ބްލޮކް ނަންބަރު އަދި ޕްލޮޓް ނަންބަރުތައް ހިމެނޭގޮތަށް) އަދި ލޮޓް އެލޮކޭޝަން ޕްލޭންގެ ތަފްސީލްތައް ހިޔާވެހި ޕޯޓަލް އިން ލިބޭނެކަމަށެވެ.

https://wamco.com.mv/
tel:+9607331319