logo

އަމާޒަކީ ދައުރު ނިމިގެންދާއިރު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ނުލިބޭ މީހަކު ނުބެހެއްޓުން: ރައީސް

profile

އައިމިނަތު ރޫޔާ - 05 ނޮވެމްބަރު 2024 - 12:20

ހިޔާވަހި ފައިނޭންސިންގެ ސްކީމް ޕްރޮގްރާމްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ހިޔާވަހި ފައިނޭންސިންގެ ސްކީމް ޕްރޮގްރާމްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ ދައުރު ނިމިގެންދާއިރު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ނުލިބޭ މީހަކު ނުބެހެއްޓުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހިޔާވަހި ފައިނޭންސިން ސްކީމް ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އިފްތިތާޙްކުރި ހިޔާވަހި ފައިނޭންސިން ސްކީމް ނުވަތަ 5 އިންސައްތައަށް ވުރެ ބޮޑު ނޫން އިންޓަރެސްޓް ގޮތުގައި ލޯނު ދޫކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގައި ވެސް ސަރުކާރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ މި މަޝްރޫއަށް ހިމަނާނެ ކަމަށާއި އަދި އޭގެ ސަބަބުން ވަރަށް ގިނަ ފަރާތަތަކަށް ގޯތި އޮވެ، ގެ އަޅާނެ ގޮތެއް ނެތް މީހުންނަށް، ގެ އަޅާ ނިންމުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި ނަތީޖާއެއްގެ ގޮތުން، ކޮންމެ އަހަރަކު، އެއް ބިލިޔަން ރުފިޔާ ބޭނުންކޮށްގެން ދެބިލިޔަން ރުފިޔާގެ ލޯނު ދޫކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ގޯތި އޮވެ، ގެ އެޅޭނޭ ގޮތް ނެތް މީހުންނާއި، ގެ އަޅަން ފެށުމަށްފަހު މަސައްކަތް ހުއްޓާލަން ޖެހިފައިވާ މީހުންނާއި، ޢިމާރާތް ބާވެ މަރާމާތުކުރަން ބޭނުންވެފައިތިބި މީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯއްދަވައިދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްވެގެން ދަނީ ރާއްޖޭގައި މިއޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އެންމެ ފުރިހަމަ ނަތީޖާ ނިކުންނާނޭ ކަމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ޕްރޮގްރާމާއި ގުޅޭ އޮންލައިން ޕޯޓަލްއެއް ހުޅުވިގެންދާނެ ކަމަށާއި ކަމާއިގުޅޭ ހުރިހާ ތަފްސީލުތައް ގެޒެޓުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަމެއްދީފައި އޮންނާނީ ގެދިރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް. 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ގެދޮރު އަޅައިދިނުމަށް." ރައީސް

އެމަނިކުފާނުގެ ވަޢުދުފުޅާއި، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން ފަސް އިންސައްތަ އަށްވުރެ އިންޓްރަސްޓް އިތުރުނުވާނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުޅީފަޅު އަދި ގިރާވަޅުފަޅު ހިއްކުމުގެ މަސައްކަތް އެބަ ހިނގާ ކަމަށާއި ނުހިކި އޮތްބައި ހިއްކުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އަދި އެދެތަން ހިކުނުހާ އަވަހަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ގިރާވަޅުފަޅުން ގޯތި ދޫކޮށްފައި އޮތީ އެއްވެސް ސްޓޭންޑާރޑް އަކަށް ނޫންކަމަށާއި ގޯތިދޫކޮށްފައި އޮތީ ފަޅުން ގޯތި ދޫކުރެވެން އޮތް މިންވަރަށްވުރެ މާގިނައިން ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދުގެ އިތުރުން އެހެނިހެން ވުޒާރާތަކުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319