logo

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024ގެ މައި ސްޕޮންސަރަކަށް އެމްއޭސީއެލް

profile

ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 11:32

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަންގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ވެއްޖެއެވެ.

އިއްޔެ ހޮޓެލް ޖެންގައި ކުރިއަށް ދިޔަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ވާހަކަދައްކަވަމުން، އޭރޯޑްރޫމް މެނޭޖްމަންޓް ސާވިސަސްގެ ޖެނަރަލް މެނޭޖަރ މަހުމޫދާ ޝަރީފް ވިދާޅުވީ މި ކޮންފަރެންސް އެމްއޭސީއެލްއިން ސްޕޮންސަރ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ވުމާއިއެކު، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި ޚާއްސަކޮށް އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި، އަންހެނުން ބާރުވެރިކުރުމަށް ހިއްވަރު ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މަހަމޫދާ ވިދާޅުވީ އިންޖިނިއަރިންގ ދާއިރާއާއި އެއަރފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލީޑަރޝިޕްގެ މަޤާމުތަކުގައި އަންހެނުން މަދު ކަމަށެވެ. އަދި ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުން ލީޑަރޝިޕް މަގާމްތަކަށް އަންހެނުން އައްޔަނު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، އަދި ޖިންސުގެ ތަފާތު ކުރުމަށްވުރެ ގާބިލުކަމަށް އިސްކަންދީ، ޖިންސުގެ ފަރަގު ނައްތާލުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުމެވެ. މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މަތީ މަގާމުތަކުގައި ތަފާތު ކުރުން ނައްތާލުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ޒަމާނުއްސުރެ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާފަރާތްތަކާއި މެދު ދެކޭގޮތާއި ބެހޭގޮތުން ޕެނަލްގެ ބައިވެރިން ވަނީ
ހިޔާލު ބަދަލުކޮށްފައެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމެންސް އެޑިޝަން ބާއްވައިފައިވަނީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއު އިތުރުން ވިމެން އިން މެނޭޖްމަންޓް، ވިމެން އޮން ބޯޑްސް އަދި ވިމެން އާންޓްރަޕްރެއިނަރސް އެސޯސިއޭޝަން - މޯލްޑިވްސް ފަދަ ޖަމިއްޔާތަކުގެ އެއްބާރުލުމާ އެކުގައެވެ.

https://wamco.com.mv/
tel:+9607331319