logo

25 ސެޕްޓެމްބަރުގެ ނިޔަލަށް ކިރާފައިވާ މަހުގެ ފައިސާ އޮޑިވެރީންނަށް މިއަދު ޖަމާވާނެ

profile

އައިޝަތު އިނާޝާ - 29 ސެޕްޓެމްބަރު 2024 - 17:39

މަސްވެރިކަން ކުރަނީ

މަސްވެރިކަން ކުރަނީ

24 އޮގަސްޓުން 25 ސެޕްޓެމްބަރުގެ ނިޔަލަށް ކިރާފައިވާ މަހުގެ ފައިސާ ސަރުކާރުގެ އެހީތެރިކަމާއެކު މިއަދު އޮޑިވެރީންނަށް ޖަމާވާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.

މަސްވެރީންގެ ފައިސާ ސަރުކާރުން މި ހަފްތާގައި ޖަމާކޮށްދޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މަސްވެރީން މިފްކޯއަށް ކިރާފައިވާ މަހުގެ ފައިސާގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާ ކުރަމުން މިފްކޯއިން ބުނީ 24 އޮގަސްޓުން 25 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ އަގަކީ 17,350,903 (ސަތާރަ މިލިއަން ތިން ލައްކަ ފަންސާސް ހާސް ނުވަ ސަތޭކަ 3 ރުފިޔާ) ކަމަށާއި ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވަމުންދާނެ ކަމަށެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސްގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުމެވެ.

އެގޮތުން މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 50 އިންސައްތައަށް ވުރެ ގިނަ މަސްވެރި އުޅަނދުތައް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ.

މިނިސްޓްރީން އަސްލު ޓީވީއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ރާއްޖޭގެ 11 އަަތޮޅުތަކުގައި މިނިސްޓްރީގެ ޓީމުތައް ވަނީ ހަރަކާތްތެރިވެފައެވެ.

ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މައުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ. މަސްވެރިންގެ ދަފުތަރުން މަސްވެރިޔާއަކީ ދައުލަތް ބަލައިގަންނަ އަބުރުވެރި ފަރާތަކަށް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

https://wamco.com.mv/
tel:+9607331319