logo

މަސްވެރިން ފައްސައެއް ނުލާ، ރަށުން ދިޔައީ މަސްލަހަތަށްޓަކައި: މިނިސްޓްރީ

profile

ޝުރުފާ މުހަންމަދު - 28 ސެޕްޓެމްބަރު 2024 - 20:05

ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ދެކުނުގެ ބައެއް ރަށްރަށް ކުރި ދަތުރުގައި، މަސްވެރިންގެ ބަޔަކު ނުކުމެ މިނިސްޓްރީގެ ޓީމުތައް ރަށުން "ބޭލީ" ކަމަށް ބުނާ ވާހަކަ މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން ދެކުނަށް ކުރި ދަތުރަކީ މަސް އޮޑިތަކުގައި ލޮނުފެން އައިސް ޕްލާންޓްތައް ބެހެއްޓުމަށް އެ މިނިސްޓްރީން ހުޅުވާލި ލޯނާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރި ދަތުރެކެވެ.

އެ ދަތުރުގެ ތެރެއިން މިދިޔަ ހަފްތާ ތެރޭގައިވެސް ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކޮށްފައިވާއިރު، މިނިސްޓްރީން މިއަދު ވަނީ ގއގެ ބައެއް ރަށްރަށަށް ގޮސްފައެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯތައް އާންމުވެ، މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ މިނިސްޓްރީގެ ޓީމު ގެމަނަފުށި އަދި ދާންދޫއަށް ދިޔުމުން އެ ދެ ރަށުގެ މަސްވެރިން ނުކުމެ މިިސްޓްރީގެ ޓީމު ރަށަށް އެރިޔަ ނުދީ "ފަހާލާފައިވާ" ކަމަށެވެ.

އެކަމާ ގުޅިގެން "އަސްލު ޓީވީން" ސުވާލުކުރުމުން ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ރަށަށް ވެސް ދަތުރުތައް ރޭވީ، ރަށުގެ އޮޑިވެރިންގެ އެދުމުގެމަތިން ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާއިން ފެށިގެން ހުވަދޫ އަތޮޅުގައި މިނިސްޓްރީގެ ޓީމްތައް ހަރަކާތްތެރިވަމުން އަންނަ އިރު، މިފަދަ އެއްވެސް ހިތްހަމަނުޖެހުމަކާއި ދިމާވެފައި ނުވާކަން މިނިސްޓްރީން ފާހަގަކުރިއެެވެ.

އޭނާ ވިދާޅުވީ ދެއްވަދޫގައި އެކަނި ވެސް 6 މަސް ދޯނިން މަސް ފިނިކުރާ ނިޒާމު ގާއިމްކުރަން ބޭނުންވެ އެ ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އެރަށަށް މިނިސްޓްރީގެ ޓީމުން ދާން އެދުނީ އެރަށުގެ އޮޑިވެރިން ކަމަށާއި، ދަތުރު އިންތިޒާމުކުރީ ކައުންސިލާއި ގުޅިގެން ކަމަށެވެ.

އެކަމަކު ރަށު ތެރޭގައި ހަމަނުޖެހުން އުފައްދާފައިވަނީ ސިޔާސީ މަގްސަދެއްގައިކަން ފާހަގަކޮށް މީޑިއާ އޮފިޝަލް ވިދާޅުވީ ރަށުން "ބާލާ" ނުވަތަ "ފައްސާލީ" ކަމަށް ބުނެވޭނެ ހާލަތެއް ނާންނަ ކަމަށެވެ.

މިނިސްޓްރީގެ އޮފިޝަލުން އިވެންޓް ކެންސަލްކުރުމަށް ފަހު ރަށުން ދިޔައީ މަސްލަހަތައްޓަކައި ކަމަށާއި، އެ އިވެންޓު އެހެން ގޮތަކަށް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން އޮޑިވެރިން މާލެ ގެނެސް މާލޭގައި މައުލޫމާތު ސެޝަން ބާއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ބުނީ މަސްވެރިންގެ ފައިސާ ލިބުމުގައި ދަތިތައް ދިމާވާކަން އެނގޭ ކަމަށާއި، އެކަމަކު ރަށާއި އަތޮޅުގެ މަސްވެރިންގެ މަންފާއަށް ކޮށްދޭ މިފަދަ ކަންކަމަށް ހުރަސް އެޅުމަކީ އެކަމަށް އޮތް ހައްލެއް ނޫން ކަމަށެވެ.

މިފްކޯއިން ބުނެފައިވަނީ، އަންނަ ހަފްތާ ތެރޭގައި މަސްވެރިންނަށް ދޭން ހުރި ފައިސާ ލިބޭވަރު ވާނެ ކަމަށެވެ.

މަސް އޮޑިތަކުގައި މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ހުޅުވާލި ލޯނަކީ ދެ މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ލޯނެކެވެ. އަދި އޭގެ 35 އިންސައްތަ އަކީ އަނބުރާ ދައްކަން ނުޖެހޭ ފައިސާއެވެ.

https://wamco.com.mv/
tel:+9607331319