ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތައް ބޮޑުކުރެވިއްޖެނަމަ، ދައުލަތަށް 2.73 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
ޗުއްޓީއަށްފަހު މިއަދު ފެށި ރައްޔިތުންގެ މަޖިލީޖުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ވަނީ ގްރީން ޓެކްސް،، ޓީޖީއެސްޓީ، ޑިޕާޗަރ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރަން ކަމާބެހޭ ގާނޫނުތަކަށް އިސްލާހުތަކެއް ހުށަހަޅާފައެވެ.
ގްރީން ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:
- 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސްއަށް ނަގާ އަދަދު ތިން ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
- 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ އަދަދުވެސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުން
- ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ޓެކްސް ބޮޑުކުރަން
ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:
- ޓީޖީއެސްޓީ 17 އިންސައްތައަށް ބޮޑުކުރުން
- މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަނީ 16 އިންސައްތައިގައި
ޑިޕާޗަރ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:
- އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
- އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހަށް ބަދަލެއް ނާދޭ
- ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
- ފަސްޓް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
- ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރާ ގޮތް:
- އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
- އިކޮނޮމީގައި ދަތުރުކުރާ ދިވެހިންގެ ފީ އަށް ބަދަލެއް ނާދޭ
- ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
- ފަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
- ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ ޓެކްސްތައް ބޮޑުކުރެވިއްޖެ ނަމަ، ދައުލަތަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކޮށްފައިވަނީ:
- 1 ޖެނުއަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ބޮޑުކުރެވިއްޖެ ނަމަ، 963.6 މިލިއަން ރުފިޔާ
- 1 ޖޫން 2025 އިން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރެވިއްޖެ ނަމަ 201.9 މިލިއަން ރުފިޔާ
- 1 ޑިސެމްބަރު 2024 އިން ފެށިގެން ޑިޕާޗަރ ޓެކްސް ބޮޑުކުރެވިއްޖެނަމަ، 762.5 މިލިއަން ރުފިޔާ
- 1 ޑިސެމްބަރު 2024 އިން ފެށިގެން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑު ކުރެވިއްޖެ ނަމަ 809.8 މިލިއަން ރުފިޔާ
މިހުރިހާ އަދަދެއް އެއްކޮށްލުމުން ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރަށް 2.73 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާ ކޮށްފައެވެ.
ޓެކުހަށް މި ގެނެވޭ ބަދަލުތަކާ އެކު، ދައުލަތުގެ ބަޖެޓު ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ކުޑަކުރަން ބާރު ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.