
ނިއުދިއްލީގައި އިމާރާތެއްގައި ރޯވެ 9 މީހުން މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 15:33
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވިވެކް ވިހާރު ސަރަހައްދުގައި ހުރި އިމާރާތެއްގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެކަކު އާއިލާގެ ގިނަ ބަޔަކާއެކު ޖުމްލަ ނުވަ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު ނިދާފައި ތިއްބާ، ފަތިހު 3:30 ހާއިރުއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔަ ވަގުތު އިމާރާތުން ބޭރަށް ނުކުމެވެން ހުރި މަގުތައް ބަންދުވެފައި ހުރުމެވެ.
މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި އުމުރުން 60 އަހަރުގެ އަރްވިންދު ޖެއިން އާއި އޭނާގެ އަނބިމީހާގެ އިތުރުން، އެމީހުންގެ ދަރިންނާއި ކާފަ ދަރިއަކު ހިމެނެއެވެ.
މީގެ އިތުރުން އެހެން އާއިލާއަކަށް ނިސްބަތްވާ ތިން މީހަކުވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ.
އެ ގައުމުގެ ފަޔަރ ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އިމާރާތުގެ ފުރަތަމަ ފަންގަފިލާއިންނެވެ. އަދި ފަސް މީހަކު ދެވަނަ ފަންގިފިލާއިން ފެނުނުއިރު، އަނެއް ތިން މީހުން ފެނިފައިވަނީ ތަޅުލާފައި ހުރި ސިޑިގޮޅިއެއްގެ ކައިރިންނެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ފްލޯ ޕްލޭން ފަރުމާކޮށްފައިވާ ގޮތުން، ކޮންމެ ފަންގަފިލާއެއްގެ ފަހަތް ފަރާތުގައި ހުންނަ އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކުގައި ދަގަނޑު ގްރިލް ޖަހާފައި ހުރުމުގެ ސަބަބުން، ނުރައްކާތެރި ހާލަތްތަކުގައި ބޭރަށް ފުންމާލައިގެން ސަލާމަތްވުމަށް އޮތް ފުރުސަތު ވަނީ ބަންދުވެފައެވެ.
މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، އަލިފާނުގެ ތެރޭގައި ތާށިވި މީހުންނާއި ކުޑަކުދިން އެހީއަށް އެދި ގޮވަމުންދިޔަ ހިތްދަތި އަޑު މުޅި ސަރަހައްދުގައި ގުގުމާފައިވެއެވެ. އަދި ހާލަތުގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށްޓަކައި ބައެއް ކުދިން އިމާރާތުން ފުންމާލަން މަސައްކަތް ކުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ފުލުހުންނާއި އަލިފާން ނިއްވާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، އިމާރާތްތަކުގެ ދެމެދުގައި ހުންނަންޖެހޭ ހުސްޖާގަ ނެތުމުގެ ސަބަބުން އަލިފާނުގެ އަސަރު ކައިރީގައި ހުރި އެހެން އިމާރާތަކަށްވެސް ވަނީ ފޯރާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެއަރ ކޮންޑިޝަނަރެއް ގޮވައިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާއިރު، ފުލުހުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ: ހައުސިންގ މިނިސްޓްރީ
3 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް ފަޅުހިއްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އީރާއުއޭ އިން ނިންމައިފި
3 ގަޑިއިރު ކުރިން

ޑިމޮކްރަސީއެއް ދެމެހެއްޓުމުގައި ނޫސްވެރިންގެ ދައުރަކީ ނުހަނު މުހިންމު އަސާސެއް: މޭޔަރ އާދަމް ޢާޒިމް
3 ގަޑިއިރު ކުރިން

ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯ އެއް ހުޅުވައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)