logo

މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ: ހައުސިންގ މިނިސްޓްރީ

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 15:33

1 އަހަރަށްވުރެ ކުރު މުއްދަތެއްގައި މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފިއެވެ.

https://wamco.com.mv/

މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކުގެ ތެރެއިން، މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރުދުވަސް ނުވާ ފަރާތްތަކަށް އޮތް އުސޫލަށް ހައުސިންގ މިނިސްޓްރީ އިން މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

މި ބަދަލާ ގުޅިގެން، މާލޭގެ ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވި ނަމަވެސް، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާނަމަ މިހާރު ފޯމު ހުށަހެޅޭނެއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށްދޭ ލިޔުމުގެ އިތުރުން، މާލޭގެ ރަށްވެހިކަން ލިބުނު ތާރީޚު އެނގޭނެ ރަސްމީ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭނެއެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިގެން (ޖޮއިންޓްކޮށް) ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ވަކިން ގޯތި ބޭނުންވާ އާއިލާތަކަށް ފުރުޞަތު ދިނުމަށް ހިންގާ މަޝްރޫޢެކެވެ.

މީގެ އިތުރުން، ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފްލެޓެއް ލިބިފައިވުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ވެސް މި ޕްރޮގްރާމްގެ ދަށުން މިހާރު ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ފްލެޓެއް ލިބިފައިވުމުގެ ސަބަބުން، "ބިންވެރިޔާ" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ސަރުކާރުން މިހާރު ވަނީ އައު ކެޓަގަރީއެއް ތައާރަފުކޮށްފައެވެ. "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ "ބިންވެރިޔާ" ސްކީމަށް އިތުރުކުރި މި ކެޓަގަރީގެ ދަށުން ދެ ބާވަތެއްގެ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި އަމިއްލަ ނަމުގައި (ސިންގަލް އެޕްލިކޭޝަން) ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކެވެ.

މީގެ އިތުރުން، ގުޅިގެން (ޖޮއިންޓް އެޕްލިކޭޝަން) ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ އެޕްލިކޭޝަން ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk