logo
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.  އަލީ ހައިދަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު

ބޭރުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް އެލަވަންސް މުރާޖައާ ކުރަނީ

profile

މުޙައްމަދު ފަޟްލޫން - 19 ޖެނުއަރީ 2026 - 12:19

ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދެވޭ ސްޓައިޕެންޑް ނުވަތަ މަހުން މަހަށް ދޭ އެލަވަންސް މުރާޖައާ ކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހާމަކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރުއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ތަރުޖަމާނު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ސްޓައިޕެންޑް ރޭޓުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް މި ފެށީ ގާތްގަނޑަކަށް ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހުގައި ކަމަށެވެ.

މި ނިންމެވުން ނިންމެވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާތީ، މިހާރު ދަރިވަރުންނަށް ދޫކުރާ މިންވަރަކީ އެކަށީގެންވާ އަދަދަކަށް ނުވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފައިސާ ދޫކުރުމުގެ އިދާރީ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކަނޑައެޅިފައިވާ ތާރީޚުގެ ދެ މަސް ކުރިން ވުޒާރާގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ފަށާ ކަމަށެވެ.

ގާތްގަނޑަކަށް 75 އިންސައްތަ ދަރިވަރުންނަށް ގަވާއިދުން ސްޓައިޕެންޑް ފައިސާ ލިބެމުންދާކަން ފާހަގަކުރައްވައި، ފައިސާ ލިބުން ލަސްވާ ހާލަތްތައް މެދުވެރިވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން، އެލަވަންސް ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ބޭނުންވާ ލިޔެކިޔުންތައް ދުރާލާ ހުށަހެޅުމަށް މިނިސްޓަރު ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

މި ބަދަލުތަކާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ ޤައުމެއްގެ ދިރިއުޅުމުގެ ހަރަދާ އެކަށޭނެ މިންވަރަކަށް ފައިސާ ލިބި ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އުންމީދު ކުރެއެވެ.

https://wamco.com.mv/
tel:+9607331319