logo

ރިޕީޓްކުރި ދަރިވަރާ މެދު އެޑިއުކޭޝަން މިނިސްޓްރީން އަލުން ގޮތެއް ނިންމަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

profile

ރިޟްވާން މޫސާ - 03 ނޮވެމްބަރު 2026 - 07:47

އުމުރު ހަމަނުވާތީ ސްކޫލުގައި ގްރޭޑް ބަދަލުނުކުރެވުނު ކުއްޖެއްގެ އެސެސްމަންޓުތަކަށް ބަލައި އެ ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

https://wamco.com.mv/

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން 2024 ވަަނަ އަހަރު އެލްކޭޖީގައި އުޅޭނީ އެ އަހަރުގެ ޑިސެމްބަރުމަހަށް އުމުރުން ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ ކުރިން ޕްލޭ ސްކޫލަށް ވައްދައި ކިޔަވަމުން އައި ދަރިވަރުގެ ސްކޫލުން ބޭބީ ނާސަރީ އަށް މިދިޔަ އަހަރު ބަދަލު ނުކުރީ އެ އުމުރު ހަމަނުވާތީ، މިނިސްޓްރީން ހުއްދަ ނުދޭތީ ކަމަށެވެ.

އެހެންކަމުން އެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ކުއްޖާގެ މަންމަގެ ފަރާތުން ހުށަހެޅުމުން ވެސް ނިންމުން ބަދަލުކުރެވެން ނެތް ކަމަށް އެންގުމުން ދައުލަތާ ދެކޮޅަށް ކުއްޖާގެ މަންމަ ސިވިލް ކޯޓުގައި ދައުވާކުރި އެވެ.

ނަމަވެސް ސިވިލް ކޯޓުން ހުކުމްކުރީ ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ސާކިއުލާއަކީ ތައުލީމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލައި އާންމުކޮށްފައިވާ އުސޫލެއް ކަމަށެވެ.

ސިވިލް ކޯޓުން މިނިސްޓްރީއާ އެއްކޮޅަށް ނިންމި ނަމަވެސް، ހައިކޯޓުން ނިންމީ ކުއްޖާގެ އެސެސްމަންޓްތަކަށް ބަލައި ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ:

ތައުލީމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުދިން ވައްދާނެ ގްރޭޑް ކަނޑައަޅަނީ އުމުރަށް ބަލައިގެން ކަމަށްވުން.

ތައުލީމީ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު އޮތީ މިނިސްޓްރީއަށް ކަމަށްވާއިރު، އެ ނޫން ގޮތަކަށް އަމަލުކުރަން ތަންފީޒީ އިދާރާއަކަށް ކޯޓުތަކުން އަމުރުނުކުރެވޭނެ ކަމަށްވުން.

އެހެންކަމުން ކުއްޖާގެ ހާލަތަށް ބަލައި ގްރޭޑާމެދު އަލުން ގޮތެއް ނިންމަން އެންގި އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ބަލައި، ހައިކޯޓުގެ ނިންމުމުގެ އެބައި ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319