logo
3 ނޮވެމްބަރު 1988 – ތާރީޚުގެ ހިތި ހަނދާންތަކުން މިއަދަށް ލިބޭ ފިލާވަޅުތައް

3 ނޮވެމްބަރު 1988 – ތާރީޚުގެ ހިތި ހަނދާންތަކުން މިއަދަށް ލިބޭ ފިލާވަޅުތައް

3 ނޮވެމްބަރު 1988 – ތާރީޚުގެ ހިތި ހަނދާންތަކުން މިއަދަށް ލިބޭ ފިލާވަޅުތައް

profile

އާމިނަތު ޝަޒްލާ - 03 ނޮވެމްބަރު 2026 - 05:27

ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ދިވެހި އުންމަތަށް ކުރިމަތިވި އެންމެ ބިރުވެރި އަދި ހިތާމަވެރި އެއް ހާދިސާއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވީ ބުރާސްފަތި ދުވަހު ހިނގައިދިޔަ ޢުދުވާނީ ޙަމަލާއެވެ. އެ ދުވަހުގެ ފަތިހުގެ ހަމަހިމޭންކަން ނަގާލީ، ބޭރުގެ ކުލީ ސިފައިންނާއި ދިވެހި ޚާއިނުންތަކެއް ގުޅިގެން މާލެއަށް ދިން ކުއްލި ބަޑީގެ ޙަމަލާތަކުންނެވެ. އެ ހާދިސާގައި 19 ދިވެހިން ޝަހީދުވެގެން ދިޔައިރު، އޭގެ ތެރޭގައި ޤައުމީ ވާޖިބު އަދާކުރުމުގައި ފުރާނައިން ޤުރުބާންވި ސިފައިންގެ ބޭކަލުންނާއި އެއްވެސް ކުށެއްނެތް ޢާންމު ރައްޔިތުން ހިމެނެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ ބަޠަލުން ދެއްކެވި ހިތްވަރަކީ މިއަދުވެސް ދިވެހިން ފަޚުރުވެރިވާ ޖިހާދެކެވެ.

https://wamco.com.mv/

އެދުވަހު އެމީހުންގެ މައިގަނޑު އަމާޒަކަށްވީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލައި، މި ސްޓްރެޓީޖިކް މުހިންމު ބިމަށް ވެރިވެގަތުމެވެ. އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި، ދިވެހި ޤައުމުގެ ބިން ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކަށް ދީގެން ނަމަވެސް ބާރު ހޯދަން އެމީހުން މަސައްކަތް ކުރިއެވެ. ޤައުމެއްގެ ބިމާއި ސިޔާދަތު ގެއްލިއްޖެނަމަ، އެ ޤައުމެއްގެ އަމިއްލަވަންތަކަމާއި ދީނީ ވަޙްދަތު ގެއްލިގެންދާނެ ކަމީ ތާރީޚުން ފެންނަން އޮތް ބިރުވެރި ޙަޤީޤަތެކެވެ.

އެއިރުގެ ޙާލަތާއި މިއަދުގެ ޙާލަތަށް ބަލާއިރު، ޤައުމަށް ކުރިމަތިވަމުންދާ ނުރައްކާތައް މިވަނީ ތަފާތު ސިފަތަކަކަށް ބަދަލުވެފައެވެ. 1988 ގައި ކުރިމަތިވީ ސީދާ ހަތިޔާރު އެޅި ހަނގުރާމައަކަށް ވިޔަސް، މިއަދު ޤައުމަށް ދިމާވަމުންދަނީ ފިކުރީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެވެ. ބޭރުގެ ދަރަންޏާއި، އިޤްތިޞާދީ ބާރުތަކުގެ ނުފޫޒު ފޯރުވުމުގެ ސަބަބުން ޤައުމުގެ ބިމާއި ވަސީލަތްތަކުގެ މައްޗަށް އޮންނަ ބާރު ކެނޑިގެންދާ ފަދަ ނުރައްކާތައް މިއަދުވެސް އެބައޮތެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ހިތާމަހުރި ޙަޤީޤަތަކީ، އެއިރުވެސް އަދި މިހާރުވެސް މިފަދަ ކަންކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ބައިވެރިވާ ކަމެވެ. 1988 ގައި ބޭރުގެ ކުލީ ސިފައިންނަށް މަގުދައްކައިގެން ޤައުމަށް ޣައްދާރުވީ ދިވެހި މަދު ޚާއިނުންތަކެކެވެ. ހަމައެފަދައިން، މިއަދުވެސް އަމިއްލަ ޒާތީ އަދި ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ މަޞްލަޙަތު ނަގާލައި، ބޭރުގެ ފަރާތްތަކަށް ޤައުމުގެ ދޮރުތައް ހުޅުވާލަދޭ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަމީ ފެންނަން އޮތް ހިތި ޙަޤީޤަތެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، 3 ނޮވެމްބަރުގެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ޤައުމުގެ މިނިވަންކަމާއި ބިމުގެ ދިފާޢުގައި އަބަދުވެސް ހޭލައި ތިބެންޖެހޭނެ ކަމެވެ. ބޭރުން އަންނަ ޢުދުވާނަކަށްވުރެ އެތެރޭގެ ޚިޔާނާތްތެރިކަން މާ ނުރައްކާތެރިކަން ދަނެ، ޤައުމީ އެއްބައިވަންތަކަމާއި އިސްލާމީ ވަޙްދަތު ރައްކާތެރިކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ފަރުދީ އަދި ޤައުމީ ޒިންމާއެކެވެ.

https://wamco.com.mv/
tel:+9607331319