logo

އަނެއްކާވެސް ޣައްޒާއިން ބޮޑު އާއިލާއެއްގެ އެންމެން ޝަހީދުކޮށް، އެ އާއިލާ ވުޖޫދުން ފޮހެލައިފި

profile

ސައިފް އަޒުހަރު - 18 އޭޕްރީލު 2025 - 09:09

ޣައްޒާގެ ގެއަކަށް އިސްތިއުމާރީ ޓެރަރިސްޓުން ރޭ ފަތިހު ބޮންއަޅައި، އަނެއްކާވެސް އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފިއެވެ.

https://wamco.com.mv/

ޓެރަރިސްޓުން ރޭގައި ބޮން އަޅާފައިވަނީ، ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ބަނީ ސުލައިލާ އަވަށުގައި ހުރި ގެއަކަށެވެ. އެއީ، ބަރަކާ އާއިލާގެ ގެއެވެ.

މި ހަމަލާގައި އެ އާއިލާގެ 10 މެމްބަރުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ. އޭގެ ތެރޭގައި ވަރަށް ތުއްތު ކުއްޖަކާއި، ކުޑަކުދީންވެސް ހިމެނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން އެ ގެއަށް ބޮންއަޅާފައިވަނީ ފަތިހުގެ ވަގުތުގައި އެންމެން ނިދަން ތިއްބައެވެ.

މި ހަމަލާގެ ވަރުގަދަކަމުން، ކައިރި ހިސާބުތަކުން ތިރީހަށްވުރެ ގިނަމީހުން ޒަޚަމްވި ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ޚާން ޔޫނިސްގެ އެކި ހިސާބުތަކަށް މިހާރުވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާއިރު، ޚާން ޔޫނިސްގެ މަގަކުން ދުއްވާފައި ދިޔަ ވެހިކަލްއަކަށް ބޮންއަޅައި 2 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ޚާން ޔޫނިސްގެ ބަތަން އަލް ސަމީމް ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ޣައްޒާގެ އުތުރުން، އައްތުވާމް އަވަށުގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ޓެންޓަކަށް ބޮންއެޅުމުގެ ސަބަބުން ދެމީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.

ޖަބަލިއާގެ ތަލް އައްޒާތަރު އަވަށަށްވެސް ވަރުގަދައަށް ބޮންއަޅާފައި ވާއިރު، 11 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކުރަމުންގެންދަނީ އާންމުން ދިރިއުޅޭ ފޭލިގެތަކަށާއި، އާންމުން ފޮތި ދަމައިގެން ތިބޭ މައިދާންތަކަށާއި، ގެތަކަށެވެ.

މިގޮތަށް ޓެރަރިސްޓު ހަމަލާތައްދީ، އާއިލާތަކުގެ ހުރިހާ މެމްބަރުން ގެންދަނީ ޝަހީދުކޮށް އާއިލާތައް ވުޖޫދުން ފޮހެލަމުންނެވެ. އިއްޔެ އެކަނިވެސް ޣައްޒާއިން 3 އާއިލާއެއްގެ ހުރިހާ މެމްބަރުން ޝަހީދުކޮށްލުމުގެ ސަބަބުން އެ އާއިލާތައް ޣައްޒާގެ ސިވިލް ރަޖިސްޓަރީންވަނީ ފޮހެލަން ޖެހިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay