
ހަމާސްއާ ވާހަކަދައްކައި އެއްބަސްވުން ހަދައި، އިސްރާއީލަށްގޮސް އެއްބަސްވުން ބަދަލުކޮށް، އެއްބަސްވުން ހަމާސްއިން ގަބޫލުނުކުރީމާ ގޯސްކުރަނީ ހަމާސް!

ސައިފް އަޒުހަރު - 01 ޖޫން 2025 - 07:31
ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހަޅާފައިވާ ހުށަހެޅުމަށް ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށް ހަމާސްއިން ބުނުމުން، ވިޓްކޮފް އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފިއެވެ.
ސްޓީވް ވިޓްކޮފް ބުނެފައިވަނީ، އެނާގެ ހުށަހެޅުމަށް ހަމާސްއިން ދީފައިވާ ޖަވާބަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށެވެ. އެއީ، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކަށް ހުރަސްއެޅުން ކަމަށެވެ.
ސްޓީވް ވިޓްކޮފްގެ ޕްރޮޕޯޒަލްއަށް ހަމާސްއިން ހުށަހެޅި އިސްލާހްގައިވަނީ، 60 ދުވަހަށް ހަމަލާތައް ހުއްޓާލުމާއި، 3 މަރްހަލާއެއްގައި އިސްރާއީލުގެ 10 ގައިދީން މިނިވަން ކުރުމާއި، މަރުވެފައިވާ 18 ގައިދީއެއްގެ ހަށިގަނޑު އިސްރާއީލާ ހަވާލުކުރުމާއި، އެއްވެސް ޝަރުތެއްނެތި އދއާއި ބައިނަލްއަގްވާމީ އޭޖެންސީތައް މެދުވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފެށުމާއި، ހަނގުރާމަ ދާއިމަށް ހުއްޓާލުމުގެ ވާހަކަތައް ފުރަތަމަ ދުވަހުން ފެށިގެން ފެށުމަށާއި، މި ވާހަކަތަކުގެ ނަތީޖާއަށް އެމެރިކާ ސަރުކާރުން ގެރެންޓީ ދިނުމަށެވެ.
ހަމާސްއިން ބުނެފައިވަނީ، އެމެރިކާގެ މަންދޫބު މިހާރު ހުށަހެޅި ޕްރޮޕޯޒަލްއަކީ އޭނާއާއި ހަމާސްއާ ދެމެދު މީގެ ހަފްތާއެއްކުރިން ވާހަކަ ދައްކައި އެއްބަސްވުމަށް އައި ޕްރޮޕޯޒަލްއާ މުޅިން ތަފާތު ހުށަހެޅުމެއް ކަމަށެވެ.
ހަމާސްއާ ވާހަކަ ދައްކައި، އެއްބަސްވުމަށްކަށް އައުމަށްފަހު ސްޓީވް ވިޓްކޮފް އިސްރާއީލަށް ގޮސް، އެ ހުށަހެޅުމަށް އިސްރާއީލު ބޭނުންވާ ހުރިހާ ބަދަލުތަކެއް ގެނައުމުން މުޅި ހުށަހެޅުން މިހާރު އޮތީ އައު ހުށަހެޅުމެއްގެ ގޮތުގައި ކަމަށް ހަމާސްއިން ބުނެއެވެ.
ހަމާސްއިން ބުނެފައިވަނީ، އެމެރިކާގެ މަންދޫބު ހުށަހެޅި އައު ހުށަހެޅުމުގައި، 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ގެރެންޓީއެއް ދީފައި ނެތް ކަމަށާއި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުއްދަ ދިނުމުގެ ވާހަކަވެސް ނެތް ކަމަށެވެ.
އަދި ހަމަލާތައް ނުވަތަ ހަނގުރާމަ ދާއިމަށް ހުއްޓާލުމުގެ ވާހަކަތައް ބޭއްވުމުގެ ނަގީންކަމެއްވެސް އަދި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމުގެ ވާހަކައެއްވެސް ނެތްކަމަށް ހަމާސްއިން ބުނެފައި ވެއެވެ.
ހަމާސްއިން އެއްބަސްވި ކަންތައްތައް ހިމެނޭ ހުށަހެޅުން އިސްރާއީލު ބޭނުންވާ ގޮތަށް ބަދަލުކުރުމަށްފަހު އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާއި، މުޖުރިމު ނަތަންޔާހޫ ބުނަމުން ގެންދަނީ، ހަނގުރާމަ ހުއްޓާލަން ހުރަސްއަޅަނީ ހަމާސް ކަމަށެވެ.