މޯލްޑިވިއަން އިން ޗައިނާގެ ބެއިޖިން އަށް ދަތުރުތައް ފަށައިފި
ޝުރުފާ މުހައްމަދު - 24 ޖެނުއަރީ 2025 - 13:25
ޗައިނާގެ ބެއިޖިން އަށް މޯލްޑިވިއަން އިން ފުރި ފަތުރުވެރިންނަށް މަރުހަބާ ކިޔުން---- ފޮޓޯ: މޯލްޑިވިއަން
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުތައް ފަށައިފި އެވެ.
މިއީ، އެ އެއާލައިނުން ދަތުރުތައް ފެށި ޗައިނާގެ ދެވަނަ މަންޒިލެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެއަށް ގެނައީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
ވައިޑް ބޮޑީ އިން ބެއިޖިން އަށް ދަތުރުތައް ފެށި އިރު އެކަން ފާހަގަކުރުމަށްޓަކައި މިއަދުގެ ދަތުރަށް ޗެކްއިން ވި ހުރިހާ ފަސިންޖަރުންނަށް ޚާއްސަ ހަދިޔާއެއް ދީފައިވެއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
މި އެއާކްރާފްޓުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ ޗައިނާގެ ޗެންގޑޫ އަށެވެ. ޗެންގްޑޫއަށް 2 ކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ.
ބެއިޖިންގ 2 ކޮޅު ޓިކެޓުގެ އަގަކީ 788 އެމެރިކާ ޑޮލަރެވެ. އަދި ޗައިނާގެ ޝެންހާއީއަށް ފުރަތަމަ ދަތުރު ކުރާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ޝެންހާއީ 2 ކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.
އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
މި އައު އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެގެންގޮސްފައެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް އަރާނެއެވެ.