
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެންސީޕީއެލްއީ ގެ 2026 ވަނަ އަހަރުގެ އަހަރީ ކޮންފަރެންސްގެ ތެރެއިން، ފޮޓޯ: ފުލުހުން
އެންސީޕީއެލްއީ ގެ 2026 ވަނަ އަހަރުގެ އަހަރީ ކޮންފަރެންސް މިއަދު ފަށައިފި

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 05:55
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) ގެ 2026 ވަނަ އަހަރުގެ އަހަރީ ކޮންފަރެންސް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސަކީ ކުރިއަށް އޮތް 2027 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުގައި އެންމެ އިސްކަންދޭނެ ކަންތައްތައް ދެނެގަނެ، އެކަންކަމަށް ބޭނުންވާ އަމަލީ ތަރުތީބުތައް ނުވަތަ އެކްޝަން ޕްލޭން އެކަށައެޅުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މާލޭގެ އިސްކަންދަރު ކޮށީގައި މިއަދު ފެށި މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 8 އިން 10 ގެ ނިޔަލަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތަކީ އެން.ސީ.ޕީ.އެލް.އީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް (އެސް.ޕީ.އެލް.އެސް) ގުޅިގެން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ބޭއްވޭ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ، ޢިލްމާއި ފަންނީ ދިރާސާތަކާއި އަދި ދާއިރާގެ މަސައްކަތުގެ ތަޖުރިބާގެ އަލީގައި، މުޖުތަމަޢަށް ހެޔޮ ނަތީޖާ ނެރެދެވޭނެ ފަދަ ޢަމަލީ މަސައްކަތްތަކަކަށް މަގުފަހިކުރުމެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ސަރަޙައްދީ ފެންވަރުގައި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމާއި، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުގެ އިތުރުން ސައިންޓިފިކް ދިރާސާތަކުން ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުންނެވެ.
މި ކޮންފަރެންސްގައި ކުރެވޭ ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަށްފަހު، 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާނެ މުހިންމު ކަންކަމާއި، ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތަކުގެ އިތުރުން، އެކަންކަން ތަންފީޛުކުރުމުގައި ފުލުހުންގެ އެކި ދާއިރާތަކުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އެކަށައެޅިގެންދާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

97 ބިދޭސީއަކު ބަލައި ފާސްކޮށް، ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
4 ގަޑިއިރު ކުރިން

ޑްރަގްސް ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅާއެކު ދުވާފަރުން ދެމީހުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްގެ އެހީތެރިކަމާއެކު ޓައިނީ ހާޓްސްގެ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި
4 ގަޑިއިރު ކުރިން

ފަރަށް އެރި ބޯޓެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
5 ގަޑިއިރު ކުރިން


