
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 29 މާރިޗު 2026 - 07:36
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރި ޑައިލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުއްﷲ ނާޒިމް އިބްރާހިމްއާއި ސިއްހީ ވުޒާރާގެ އިސްވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައިވަނީ ދައުލަތުގެ އިސްވެރިންނާއި ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ޑައިލިސިސް ސެންޓަރު ބައްލަވާލައްވާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން 2013 ވަނަ އަހަރު 4 އެނދާއެކު ހުޅުވުނު ޑައިލިސިސް ޔުނިޓު 9 އެނދުގެ ޑައިލިސިސް ސެންޓަރަކަށް ބަދަލުވެ މިޚިދުމަތް މިވަނީ ފުޅާވެ ތަރައްޤީވެފައެވެ.
ކުޅުދުއްފުށީގައި އަލަށް ގާއިމްކުރެވުނު ޑައިލިސިސް ސެންޓަރުގެ ހިދުމަތާއެކު ހާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.
މިޚިދުމަތާއެކު ޑައިލިސިސް ހަދާ ބަލިމީހުންނަށް ކިއުގައި މަޑުކުރަން ނުޖެހި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ޚާއްސަވާ ފަރުވާ ލިބޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ޑައިލިސިސް ހެދުމަކީ، ބަލި މީހާއަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެކެވެ.
ހަފްތާއަކު 2 ދުވަސް ނުވަތަ 3 ދުވަހު ޑައިލިސިސް ހަދާ މީހުން މަދެއް ނޫނެވެ.
ސަރުކާރުގެ އަމާޒަކީ ޑައިލިސިސްގެ ހިދުމަތް އަތޮޅު ތެރޭގެ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހެދުމެވެ.






.gif&w=3840&q=75)