
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް
މީހުން ދިރިއުޅޭ ރަށްރަށުގައި މަސްފެކްޓްރީތައް ގާއިމްކުރުމަކީ މަސްވެރިކަމަށް ލިބިގެންދާ ކުރިއެރުމެއް: ވަޒީރު ޝިޔާމް

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 15:36
މީހުން ދިރިއުޅޭ ރަށްރަށުގައި މަސްފެކްޓްރީތައް ގާއިމްކުރުމަކީ މަސްވެރިކަމަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތް ތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ގދ ފިޔޯރީގައި މަސްފެކްޓްރީ އެޅުމަށް ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ސިނާއީ މަސައްކަތް ތަކާއި މަސްފެކްޓްރީ ގާއިމްކުރުމުގައި ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށެވެ.
މަސްފެކްޓްރީތައް މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކުރާއިރު މަސްވެރިކަން ހަލާކުވެގެން ނުދާނެ ފަދަ ގޮތަކަށް އެކަން ކުރުމަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ފިޔޯރީގައި މަސްވެރިކަން ކުރާ އުޅަނދުފަހަރު އޮތް ނަމަވެސް މިއަދު އެ އުޅަނދުތައް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ފިޔޯރީ އާއި ޖެހިގެން އޮތް ފަރެސް މާތޮޑާ އަކީ އެންމެ ކުޅަދާނަ މަސްވެރިން އަދި އެންމެ ގިނަ މަސްވެރިން އެއްރަށެއްގައި އޮތް ރަށެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ފިޔޯރީގައި މަސް ފެކްޓްރީއެއް ގާއިމްކުރަން ނިންމިއިރުގައި ފިޔޯރީ ހިޔާރުކުރެވިފައިވަނީ ވަރަށް ގިނަ ވަރަށް ހިކްމަތްތެރި ވިސްނުންތަކަކާއި އެކުގައި ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރި ސިނާއަތުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް މުހިއްމު މަސައްކަތްތަކެއް ފައްޓަވައިގެން ކުރިއަށް ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަލަށް ފަށާފައިވާ މަޝްރޫއުތަކާއި އެކުގައި އަންނާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި މަޝްރޫއަކީ އޭގެ ސަބަބުން މުޅި ސަރަހައްދުގެ މަސްވެރިންނަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ މަޝްރޫއެއް ކަމަށެވެ.
ފިޔޯރީގައި މަސްފެކްޓްރީ އެޅިގެން ދިއުމަކީ މީގެކުރިން މަސް ކިރުވުމަށް ކޫއްޑޫއަށް 40 މޭލު ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މެއި ޖޫން ގައި އޭލެވެލް އިމްތިހާނު ބާއްވަން ފަށަނީ
4 ގަޑިއިރު ކުރިން

ބީއެމްއެލްއިން މާސްޓަރކާޑާއެކު މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

މަސް ބަންދުކުރާ ކާރުހާނާ ގާއިމްކުރަން ފިޔޯރީގައި ބިން ހިއްކަން ފަށައިފި
4 ގަޑިއިރު ކުރިން

ޑްރޯން އެހީގައި ބޭރުގެ ދެ މަސްބޯޓް އަތުލައިގަނެފި
4 ގަޑިއިރު ކުރިން


