logo

ހެކި ނެތިގެން ފަޒުލް އަށް ދަޢުވާ ނުކުރަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 12:24

އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު ގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ނިންމައިފިއެވެ.

https://wamco.com.mv/

ފަޒުލް އާއި އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާ ކުރަނީ އެޗްޑީސީގެ ސާރވަރގައި ހުރި ލިޔެކިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓް ކޮށްލި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެންނެވެ.

މި މައްސަލަ އާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ޖިނާއީ ދަޢުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކޮށްފައިވަނީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރގެ ތެރެއިން ނައްތާލާފައިވާތީ، ޢަދުލު އިންޞާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

ޕީޖީ އޮފީހުން ބުނީ، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށާއި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައިވެސް، ފަޒުލްއާއި ޝުހޫދު އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެހެންކަމުން، ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާތީ، ދަޢުވާ ނުކުރަން ނިންމީކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ޝަރުތުހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން ކަމަށް ބުނާ މައްސަލައާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގިކަމަށް ބުނާ މައްސަލައާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހިމެނެއެވެ.

މި މައްސަލަތައް ދިވެހި ފުލުހުންނާއި އޭސީސީ އިން ތަހުގީގް ކުރަމުންދާތީ އެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަޒުލް އެޗްޑީސީގެ އެމްޑީ ކަމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ފަޒުލް އެޗްޑީސީގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވާފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay