logo

ކާށިދޫ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި

profile

އާމިނަތު ޝަޒްލާ - 10 އޮކްޓޯބަރު 2026 - 12:28

ކ. ކާށިދޫ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައި، އެ ރަށުގެ ރައްޔިތުން މާލެއަށް ބަރޯސާވާންޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފިއެވެ.

https://wamco.com.mv/

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ވަޒީރު ވަނީ އެ މަރުކަޒުގައި ޤާއިމުކޮށްފައިވާ ވަސީލަތްތަކާއި ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ އިންތިޒާމުތައް ބައްލަވާލައްވާފައެވެ.

މި ޚިދުމަތް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ކާށިދޫގެ ރައްޔިތުންނަށް ނުހަނު ބޮޑަށް ބޭނުންޖެހިފައި އޮތް ޒަރޫރީ ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާށިދޫއަކީ ސަރުކާރުން އިސްކަމެއް ދެއްވައިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެކެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ޚިދުމަތް ފެށި ރަށަކަށް ކާށިދޫ ވެގެންދިއުމަކީ އެ ރަށުގެ ޞިއްޙީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޖޯގްރަފީ ގޮތުން އެކަހެރިކޮށް އޮންނަ ކ. ކާށިދޫއަކީ އާބާދީ ބޮޑު އަދި ދަނޑުވެރިކަން ކުރާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަށެކެވެ. ދަނޑުވެރިކަމާއި އެކި ބާވަތުގެ ބުރަ މަސައްކަތްތަކުގެ ސަބަބުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ކަށި އަދި މަސްތަކުގެ މައްސަލަތައް ދިމާވާ މީހުން އެ ރަށުގައި ނިސްބަތުން ގިނައެވެ. މާލެއާ ދުރުގައި އެކަހެރިކޮށް އޮންނަ ރަށަކަށް ވުމުން، މޫސުން ގޯސް ދުވަސްވަރު ޞިއްޙީ ފަރުވާއަށް މާލެ ދިއުމަކީ ރައްޔިތުންނަށް އޮންނަ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ރަށު ފެންވަރުގައި މިފަދަ ޚާއްޞަ ފަރުވާތައް ލިބެން ފެށުމަކީ ރައްޔިތުންގެ ޖީބަށް ލުއިވެ، ސިއްޙީ ރައްކާތެރިކަން ކަށަވަރުވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/
tel:+9607331319