
ޣައްޒާގެ އުތުރުގައި މުޖާހިދުން ކުއްލި ހަމަލާއެއްދީ އިސްތިއުމާރީ ސިފައިންގެ 3 މީހުން މަރާލައިފި

ސައިފް އަޒުހަރު - 02 ޖޫން 2025 - 19:37
ޣައްޒާގެ އުތުރުގައި އުދުވާނު ހިންގަން އުޅުނު އިސްތިއުމާރީ ޓެރަރިސްޓުންގެ ގްރޫޕަކަށް މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި އިސްތިއުމާރީ ޓެރަރިސްޓުންގެ ތިންމީހުން މަރާލައިފިއެވެ.
މުޖާހިދުން ހަމަލާ ދީފައިވަނީ ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެންނެވެ.
މި ހަމަލާގައި، އިސްތިއުމާރީ ސިފައިންގެ އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށް، އިސްރާއީލު ނޫސްތަކުން ވެސް ކަށަވަރު ކޮށްދީފައި ވެއެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، ޒަޚަމްވީ 2 މީހުން ކަމަށެވެ.
މުޖާހިދުންގެ ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރީގައި ޖަރީމާތައް ހިންގަން އުޅުނު ޓެރަރިސްޓުންގެ ގްރޫޕަކަށެވެ. ކުރިން ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލުމުގެ އިތުރުން، ޣައްޒާގެ މުޖާހިދުން އެމީހުންނަށް ރޮކެޓް ހަމަލާތަކެއް ދިން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލު މީޑިއާއިން ބުނެފައިވަނީ، މުޖާހިދުން ކުރިން ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން ހަމަލާ އަމާޒުކުރީ އިސްރާއީލު ސިފައިން ގޮވައިގެން ދަތުރުކުރި އަސްކަރީ ވެހިކަލަކަށް ކަމަށެވެ.
މުޖާހިދުންގެ ހަމަލާގައި މަރުވި މީހުންގެ ހަށިތައް ނެގުމަށާއި، ޒަޚަމްވި މީހުން ސަލާމަތްކުރަން އައި، އިސްތިއުމާރީ ސިފައިންގެ ހެލިކޮޕްޓަރުތަކުންވަނީ މުޅި ސަރަހައްދަށް ހެލިކޮޕްޓަރުތަކުން ވަރުގަދަ މެޝިން ބަޑީގެ ހަމަލާތަކެއް ދީފައެވެ.
ޖަބަލިއާ ސަރަހައްދަކީ، އިސްތިއުމާރީ ޓެރަރިސްޓުން އާދީއްތަ ދުވަހުން ފެށިގެން ވަރުގަދަ ލޭއޮހޮރުވުންތަކެއް ހިންގާފައިވާ ސަރަހައްދެކެވެ.