logo

ދީނުގެ ކަންކަމުގައި ޢަމަލުކުރަންވާނީ ދީނުގައި އޮންނަ އެންމެ ރަނގަޅު ގޮތަށް: މިނިސްޓަރު ޝަހީމް

profile

އައިޝަތު އިނާޝާ - 21 އޮކްޓޯބަރު 2024 - 11:00

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ދީނުގެ ކަންކަމުގައި ޢަމަލުކުރަން ވާނީ ދީނުގައި އޮންނަ އެންމެ ރަނގަޅު ގޮތަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމާއި ގުޅޭ ގޮތުން މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނުގެ ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަ ކަމަށާއި އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށެވެ. އަދި އެކަމަކީ ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ވިދާޅުވަނީ އެއީ ވާޖިބުކަމެއް ނޫންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދީނުގެ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް ކަމަށާއި ޢަމަލުކުރަން ވާނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށެވެ.

" އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށު ނަމާދު ކުރައްވާފައި ނުވޭ. އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައިނުވޭ." މިނިސްޓަރު

ހަމައެއާއެކު ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުން ނުވާ ކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާ ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަަމަށާއި ފަލަސްޠީނާއި އިޒްރޭލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ކަމަށާއި އެކަމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެއެވެ.

މީގެ އިތުރުން އިސްތިޢުމާރީ ބާރުތަކުގެ ކިބައިން ފަލަޞްޠީނު މިނިވަންކޮށް ދައުލަތް ޤާއިމުކުރުމަށް އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އިސްލާމީ އަޚުލާޤީ ޙުދޫދުގެ ތެރޭގައި ތިބެ، އަޑުއުފުލައި ވަކާލާތުކުރުމާއި ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވައި، އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319