logo

ޒަކާތު ހައުސްގެ ވަފުދެއް މެލޭޝިޔާއަށް

profile

އައިޝަތު އިނާޝާ - 21 އޮކްޓޯބަރު 2024 - 10:40

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދެއް ރަސްމީ ދަތުރެއްގައި މެލޭޝިޔާއަށް ޒިޔާރަތް ކުރަމުން އެބަގެންދެއެވެ.

މި ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެއިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ދަތުރުގެ ތެރެއިން މެލޭޝިޔާގެ އިސްލާމިކް މިނިސްޓަރު ވަނީ، ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން މި ދަތުރުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން މައުލޫމާތު ހޯއްދަވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މެލޭޝިޔާއަކީ ޒަކާތުގެ އިދާރީ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ.

ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމު ކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒުއެވެ. ޒަކާތު ހައުސް އިފްތިތާޙު ކޮށްދެއްވީ 18 ޑިސެންބަރު 2023 ގައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު، ޒަކާތަށް އާއްމުން ހޭލުންތެރިކުރުމަށާއި، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://int.etukuri.mv/
tel:+9607331319