logo

މަޖިލީހުގެ ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

profile

އައިޝަތު އިނާޝާ - 23 އޯގަސްޓު 2024 - 15:22

ފޮޓޯ މަޖިލިސް އިދާރާ

ފޮޓޯ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މިމަހުގެ 18 އިން 23 އަށް މަޖިލީހުގެ ރައީސް ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ ޗައިނާގެ ބެއިޖިންގ ގައި ބޭއްވި އިންޓަރ ރީޖަނަލް ސެމިނަރ އޮން އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޮރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތަގުރީރު ކުރަށްވަމުން މަޖިލީހުގެ ރައީސް ވަނީ ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ވަކި ޚާއްޞަ ޙާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ޚާއްޞަ ގޮންޖެހުންތަކަކާއި ފުރުޞަތުތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފު ކުރެއްވިއެވެ. އަދިޗައިނާއިން މުޅި ދުނިޔޭގައި ޤާއިމްކުރަމުންދާ ސުލްޙަވެރިކަމާއި، އަމަންއަމާންކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ސެމިނަރގެ ހަވާސާގައި މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސް އާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލުކުރައްވާފައެވެ.

މަޖިލީހުގެ ރައީސް ޗައިނާއަށް ކުރެއްވި މިދަތިރުފުޅުގައި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.


tel:+9607331319