logo

މެސެޖު ދިނީ ކުރީ ސަރުކާރުތަކުގެ ވެރިންނަށް: ނައިބު ރައީސް

profile

އާމިނަތު ޝަފާ - 25 އޯގަސްޓު 2024 - 09:58

ނައިބުރައީސް --- ފޮޓޯ: ރައީސް އޮފީސް

ނައިބުރައީސް --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަސްފުޅުގެ މާނަ އެކި މީހުން އެކިގޮތައް ކުރަމުންދަނިކޮށް މި ބަސްފުޅަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށްދިން މެސެޖެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓުގައިވަނީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއްކަމަށެވެ. އަދި އެއީ ދުނިޔޭގެ އާދަކަން ފާހަގަކުރައްވައި ވިދާޅުވީ އެ ލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ޤަދަރާއި، އުފާވެރިކަން މާ ރަނގަޅުކަމަށެވެ. އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކުމަށް ނައިބުރައީސްވަނި ޕޯސްޓުގައި އިލްތިމާސްކުރައްވާފައެވެ.

އިދިކޮޅު ފަރާތަތަކުން މި ޕޯސްޓު ސިޔާސީ ކުރަމުން އަންނަ ދަނޑިވަޅެއްގައި ނައިބު ރައީސް ވިދާޅުވީ ވެރިކަން ކުރާ ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރަން ޖެހިވަޑައިގަންނަވާ ބޭފުޅުންކަމަށެވެ. އެމުއްދަތު ހަމަވުމުން އެކަމަށް އިހުތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުޑަކޮށް އެ ނިންމުމަށް ގޮންޖެހުންކަމުގައި ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ ނައިބު ރައީސްވަނީ ކުރިއަށްއޮތްތަނުގައި އެފަދަ ބޭފުޅުން ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ނިންމާލަމުން ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ ބޭފުޅުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާއިރު ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭގޮތައް މަސަތްކަތް ކުރިއަށް ގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ނައިބު ރައީސްއަކީ ރައްޔިތުންގެ މަޖިލީހުގައި ކުރިން ޕީޕީއެމްގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާ ތަމްސީލުކުރެއްވި މެމްބަރެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ. ވުމާއެކު އެމަނިކުފާނުވަނީ ޕީޕީއެމް ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ނައިބު ތރައީސްގެ މި ޕޯސްޓް ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ޝެއަރކޮށްފައެވެ.

tel:+9607331319