
އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި

މުހައްމަދު މުޝްރިފް - 13 ޖޫން 2026 - 12:55
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ހިމަބިއްސަށް ހާއްސަ "މީސްލްސް-ރުބެއްލާ" ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި، ތިން ޓަނުގެ ސިއްހީ ސާމާނު މިއަދު މާލެ ގެނެސްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "މީސްލްސް-ރުބެއްލާ" ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި 3 ޓަނުގެ މެޑިކަލް ސަޕްލައި މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ އަދި ދެމެހެއްޓެނިވި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ދެ ގައުމުން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
މި އެހީއާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖެއިސަލްވާލް ވިދާޅުވީ، މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ހައިސިއްޔަތުން ރާއްޖެއަށް ފޯރުކޮށްދިން އެހީއެއް ކަމަށެވެ. އަދި މި އެހީއަކީ ރާއްޖޭގައި ދާދިފަހުން ފެނުނު ހިމަބިހީގެ ކޭސްތަކާ ގުޅިގެން، އެ ބަލި ފެތުރުން ހުއްޓުވުމަށް ދިން އެހީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ރަމްޒީގޮތުން ހަވާލުވެވަޑައިގަތީ، ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރު ގީލާ އަލީއެވެ.
މިނިސްޓަރު ގީލާ ވަނީ، ރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދެމުންދާ ފުރިހަމަ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މިއީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިވަގުތަށް ނުހަނު ބޭނުންތެރި އެހީއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމާއި އާންމު ސިއްހަތު ކުރިއެރުވުމުގައި އިންޑިއާއިން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އިންޑިއާއިން ފޯރުކޮށްދިން މި ސާމާނުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލި ދެނެގަތުމުގެ ނިޒާމާއި ސަވައިލަންސް ހަރުދަނާކުރުމުގެ އިތުރުން، ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
3 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
20 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)