logo

މުދައްރިސުންނަކީ މުޖުތަމަޢުގެ ބިންގާ: މޭޔަރު އާދަމް އާޒިމް

profile

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:27

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންނަކީ މުޅި މުޖުތަމަޢުގެ ބިންގާ ކަމަށާއި އެބޭފުޅުން ވަމުންދާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޭޔަރު އާދަމް އާޒިމް މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހާ ގުޅިގެން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.

މޭޔަރުގެ މެސެޖުގައި، މި ދުވަހުގެ މުނާސަބަތުގައި މާލެ ސިޓީގެ އެންމެހައި މުދައްރިސުންނަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އެންމެހައި މުދައްރިސުންނަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި މާލެ ސިޓީ ކައުންސިލްގެ ނަމުގައި ވަނީ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މުދައްރިސުންގެ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ، ޤައުމުގެ ދަރިންނަށް އިސްލާމީ ރިވެތި އަޚްލާޤާއި، ޢިލްމާއި ހުނަރު އުނގަންނައިދީ، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް ބިނާކުރުމަށް މުދައްރިސުން ވަމުންދާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޤައުމީ ޚިދުމަތެއް ކަމަށެވެ. އަދި މި މަތިވެރި ޚިދުމަތުގައި ދެމިތިއްބެވި ޚިދުމަތްތެރި މުދައްރިސުން ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ވެރިރަށް މާލެ ސިޓީގެ ތަޢުލީމީ ޙާލަތު އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނަށް ފަހި އަދި އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް މޭޔަރު ވަނީ ދެއްވާފައެވެ.

މޭޔަރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތް ﷲ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގައި ބަރަކާތް ލައްވައި، ދިވެހިރާއްޖެއަށް އުފާވެރި، ފާގަތި މުސްތަޤްބަލެއް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ބައިނަލްއަޤްވާމީ ގޮތުން މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، ރާއްޖޭގެ އެކި ސްކޫލްތަކާއި މުއައްސަސާތަކުގައިވެސް މި ދުވަސް ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން އެކި ކަހަލަ ޚާއްޞަ ޙަރަކާތްތަކާއި އެސެމްބްލީތައް ސްކޫލްތަކުގައި މިއަދު ވަނީ ބާއްވާފައެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުން ބިނާކުރުމަށް ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319