logo

ފުލުހުން ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ބަލައިފާސްކޮށްފި

profile

އަހުމަދު ޒަލީފު - 26 މޭ 2024 - 15:02

ބައްސާމް އަދީލް ޖަލީލް

ބައްސާމް އަދީލް ޖަލީލް

ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ދަނޑުގައި ހުންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފީހަށް މިއަދު ފުލުހުން ވަދެ އެތަން ބަލައިފާސްކޮށްފިއެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ އޮފީހަށް ވަދެފައިވާއިރު، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ބެލެވޭ ގޮތުގައި މިއަދު ފުލުހުން އެ އޮފީހަށް ވަދެފައި ވަނީ އެ މައްސަލައާ ގުޅޭ ހެކި ހޯދުމަށް ބަލައިފާސްކުރުމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެފްއޭމްގެ މައި އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ.

ފުލުހުން އެފްއޭއެމްގެ އޮފީސް ބަލައިފާސްކުރަމުންދާއިރު، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ، މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި، އިތުރަށް ލިބޭ ހެކިތަކަށް ބަލައި އިތުރު ޖިނާއީ ދައުވާތަކެއް އުފުލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ ފުލުހުން ބަލަން ފެށީ މައްސަލަ ތަހުގީގު ކުރަން ޕީޖީ ހުސެއިން ޝަމީމް އަމުރުކުރެއްވުމުންނެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 191،208،000 ރުފިޔާ) ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވާއިރު، ބައްސާމް ވަނީ އެ ފައިސާ އަމިއްލަ ބޭނުންތަކަށް ހޭދަކޮށް ހިޔާނާތްތެރިވެފައެެވެ.

އެފްއޭއެމްގެ އެކައުންޓުން އެފްއޭއެމްގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި އެ ފައިސާއަކީ ޑޮލަރު ވިއްކައިގެން ލިބުނު ފައިސާ ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހަރަދުތައް ކުރަމުން ގެންދާކަމާއި، އާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވެއެވެ.

https://wamco.com.mv/
tel:+9607331319