logo

ކެމިކަލް މާއްދާއެއް ހިމެނޭ ސިޓްރިޒެންގެ ދިޔާ ބޭހެއް ވިއްކުން މަނާކޮށްފި

profile

އަހުމަދު ޒަލީފު - 08 ނޮވެމްބަރު 2023 - 13:00

--

--

ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އެކުލެވޭ ސިޓްރިޒެންގެ ދިޔާ ބޭހެއްގެ ބެޗެއް ރާއްޖެއިން ފެނިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ބޭނުންކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން ބުނީ މިއަހަރު މިހާތަނަށް ރާއްޖޭގެ މާކެޓުން 10 ސާމްޕަލް ނަގާ, ސްކްރީން ކުރިއިރު, "ޑައިއެތިލީން ގްލައިކޯލް (DEG)" އަދި "އެތިލީން ގްލައިކޯލް(EG)" ހިމެނޭ ބެޗެއް ފެނިފައިވާ ކަމަށެވެ. އެއީ ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރޯ ބްރޭންޑުގެ 5ml ސިޓްރިޒެން ދިޔާ ބޭހުގެ B220 ބެޗެވެ.

އެ ބާވަތްތައް ބޭނުން ކުރެވިއްޖެ ނަމަ ވެދާނެ ގޮތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ކުޑަކަމުދާން އުނދަގޫވުން ހިމެނެ އެވެ. ބޮލުގައި ރިއްސުމާއި ހެޔަށް ގޮތްވުމާއި ކިޑްނީ ހަލާކުވުމަކީ ވެސް އެ ބާވަތްތަކުން ލިބިދާނެ ގެއްލުންތަކެކެވެ.

ޕެރެސެޓަމޯލް އާއި ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ ބައެއް ވައްތަރުގެ ދިޔާ ބޭހުގައި މި ނުރައްކާތެރި މާއްދާތައް ހިމެނޭތީ, ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ކުޑަކުދިންތަކެއް މަރުވެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓްތަކާ ގުޅިގެން އެމްއެފްޑީއޭއިން ވެސް ދަނީ ރެންޑަމްކޮށް މާކެޓުގައި ހުރި ބޭސްތަކުގެ ސާމްޕަލް ނަގާ ސްކްރީން ކުރަމުންނެވެ.

ޑައިތެލީން އައި އެތިލީން ގްލައިކޯލް ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އެމްއެފްޑީއޭއިން ބޭސްތައް ސްކްރީން ކުރަނީ ސާމްޕަލްތައް ރާއްޖޭން ބޭރުގެ ލެބޯޓްރީއަކަށް ފޮނުވައިގެންނެވެ.

ޑައިއެތިލީން އެތިލީން ގްލައިކޯލްއަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ. މި މާއްދާތައް ހިމެނޭ ބޭސް ބޭނުންކޮށްގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުދިން މަރުވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރޭ އެލާޓްތައް, ރާއްޖޭގެ އެމްއެފްޑީއޭއިން ވަނީ ފާއިތުވި އަހަރު ތެރޭ ތަކުރާރުކޮށް ނެރެފަ އެވެ.

https://int.etukuri.mv/
tel:+9607331319