logo

ސަރަހައްދުގެ ގައުމުތަކާ އަޅައި ބަލާއިރު، ރާއްޖޭގައި ބޭސް %70 އަގުބޮޑު: މިނިސްޓަރު

profile

އަހުމަދު ޒަލީފު - 27 މާރިޗު 2024 - 13:56

ބޭސްފިހާރައެއް

ބޭސްފިހާރައެއް

އާސަންދަ ސްކީމަށް މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާ ހިނގިއިރު، އޭގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވަނީ ބޭހަށް ކަމަށް ސޯޝަން އެންޑް ފެމިލީ ޑިވޮލަޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގައި ވަގުތުގައި، އާސަންދަ ސްކީމާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިހާމް ވިދާޅުވި ގޮތުގައި އާސަންދައަށް އަހަރެއްގެ މައްޗަށް ބަޖެޓު ކުރާ އަދަދުން ބޮޑު ހަރަދެއް ހިނގަނީ ބޭސް ގަތުމަށެވެ.

އެކަން އެގޮތަށް ދިމާވަނީ ރާއްޖޭގައި ބޭސް އަގުބޮޑުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގައި ބޭހުގެ އަގުތައް 70 އިންސައްތަ އިތުރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާސަންދަ ސްކީމަށް ހިނގާ ހަރަދުތަކުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު އާސަންދައިގެ ހަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު %40 އިތުރުވެފަ އެވެ. އަދި ފާއިތުވީ ފަސް އަހަރުގެ ތެރޭގައި އާސަންދަ ސްކީމަށް ހިނގި ހަރަދުތައް އެވްރެޖްކޮށް %61 އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އާސަންދަ މިހާރު ހިނގަމުން އަންނަ ގޮތުން، ވަރަށް ބޮޑު އިސްރާފުތަކެއް ހުރިކަން ފާހަގަވޭ. އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް ބަޖެޓުކޮށްފައިވަނީ އެއް ބިލިއަން ރުފިޔާ. އެހެންނަމަވެސް އަހަރު ނިމިގެންދިޔައިރު 2023 ވަނަ އަހަރުވެސް 2.3 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، މީގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނައިން ހަރަދު ކުރެވިފައިވަނީ ބޭހަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ނުވާކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަނީ. އެއީ ދިވެހިންގެ ބޭސްފަރުވާއަށް މިހާ ބޮޑު ހޭދައެއް ކުރެވޭ އިރުވެސް، ފުރާނައަށް ނުރައްކާވާ ބަލީގައިވާ މީހާއާއި އާއިލާ ސޯޝަލް މީޑިއާގައި ބޭސްފަރުވާ ހޯދުމަށް މާލީ އެހީއަށް އެދެމުންދާކަން މިހާރުވެސް ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ސަބަބުތަކަށްޓަކައި، އާސަންދައަށް އަވަސް ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަވޭ. އެކަމާ ގުޅޭ މަސައްކަތްތައް ދަނީ ރައީސްގެ އިރުޝާދާ ލަފާފުޅުގެ މަތިން ކުރެވެމުން."

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ގުޅިގެން، އާސަންދަ ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް ވަށާޖެހޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ފަށައި، ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://int.etukuri.mv/
tel:+9607331319