logo

ތައިލެންޑު ލިބެންހުންނަ 15 ބޭހެއް ނުގަތުމަށް އިލްތިމާސްކޮށްފި

profile

އަހުމަދު ޒަލީފު - 12 ޖޫން 2024 - 18:13

ބޭސްފިހާރައެއް

ބޭސްފިހާރައެއް

ތައިލެންޑުގައި އުފައްދާ 15 ބާވަތެއްގެ ބޭހެއްގައި ކެމިކަލްގެ ބާވަތެއް އެކުލެވިގެންވާކަން އެޤައުމުގެ އިދާރާތަކުން ހާމަކޯށްފައިވާތީ އެފަދަ ބޭސް ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެފްޑީއޭއިން ނެރެފައިވާ އެލަރޓެއްގައި ވިދާޅުވީ ތައިލެންޑުގެ ކުންފުންޏެއްކަމުގައިވާ ސެވަން ސްޓަރސް ފާމަސޫޓިކަލް ކޯޕަރޭޝަން ލިމިޓެޑުން އުފައްދާ 15 ބާވަތެއްގެ ބޭސް އުފެއްދުމުގައި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ އެޤައުމުގެ ބޭސް ރެގިއުލޭޓްކުރާ އިދާރާއިން އެބޭސްތައް ބާޒާރުން އަނބުރާ ނެގުމަށް އަންގާފައިވާކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ އެބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް ނޫންކަމަށެވެ. އެެހެންނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމަކަށްވުމުން އެޤައުމުން އަމިއްލަ ބޭނުންމަށް ނަމަވެސް ބޭސް ގަންނަނަމަ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މައްސަލަ ދިމާވެފައިވާ ބޭސްތަކުގެ ތެރޭގައި އެކުންފުނިން އުފައްދާ ބައެއް ބާވަތުގެ ތަދުކަނޑުވާ ދިޔާ ބޭސްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕެރަސެޓަމޯލްއާއި ބުރޫފަން ފަދަ ބޭސްތައް ވެސް ހިމެނެއެވެ. އަދި އެލަރޖީތަޖަށް ދޭ ބައެއް ދިޔާ ބޭސްވެސް މީގެ ތެރޭގައި ހިމެނެއެެވެ. މީގެ އިތުރުން ހުމާއި ރޯގާއަށާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކެއް ހިމެނޭކަން އެމްއެފްޑީއޭއިން އާންމުކޮށްފައިވާ ލިސްޓުން ހާމަވެއެވެ. އެހެންކަމުން ތައިލެންޑުން ބޭސްފަރުވާ ކުރުމުގައި މިފަދަ ބޭސްތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިލައްވައެވެ.

އެއިދާރާއިން ވިދާޅުވީ މިއީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް ނޫންނަމަވެސް، އެލަރޓާއި ގުޅިގެން ރާއްޖޭގެ ޕޯޓުތަކުގައި ޚާއްސަ ސަމާލުކަމެއްދީގެން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.

https://wamco.com.mv/
tel:+9607331319