logo
 އޮމާންގެ މުސަންދަމް ސަރަޙައްދުން ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ އުޅަނދުފަހަރު ފެންނަ މަންޒަރެއް [ރޮއިޓާސް]

އޮމާންގެ މުސަންދަމް ސަރަޙައްދުން ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ އުޅަނދުފަހަރު ފެންނަ މަންޒަރެއް [ރޮއިޓާސް]

ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތް ވަރުގަދަކުރަން އީރާނުން ނިންމައިފި

profile

އާމިނަތު ޝަޒްލާ - 25 ނޮވެމްބަރު 2026 - 12:01

ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާއި ފާރަވެރިވުމުގެ އޮޕަރޭޝަންތައް ވަރުގަދަކުރަން ނިންމާފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާ ވަނީ ހޯރްމުޒް ކަނޑުއޮޅި މިހާރަށްވުރެ ހަރުދަނާކޮށް ބަލަހައްޓައި، ފާރަވެރިވުމަށް އެ ގައުމުގެ ހަތިޔާރުއެޅި ބާރުތަކުން ރާވަމުންދާ ކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ހުއްދައެއް ނެތި އެ ސަރަހައްދުން ދަތުރުކުރަން މަސައްކަތްކުރާ އުޅަނދުފަހަރަށް ކުރިމަތިވާ ނުރައްކާތައް އިތުރުވާނެ ކަމުގެ ހަރުކަށި އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

އީރާނުގެ ފާރްސް ނިއުސް އޭޖެންސީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އަކްރަމީނިއާ ވިދާޅުވީ އަސްކަރިއްޔާގެ އެންމެހައި ތައްޔާރީތައް އިތުރަށް ވަރުގަދަކޮށް، ހަނގުރާމައިގެ އޮނިގަނޑު ހަރުދަނާކޮށްފައިވާ ކަމަށެވެ. އަދި ހޯރްމުޒް ކަނޑުއޮޅީގައި ޖާސޫސްކުރުމާއި ލޯވަޅުއެޅުމުގެ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށާއި، މި މަސައްކަތްތައް ފުރިހަމަ ބާރުމިނުގައި ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ތެލާއި ގޭސް ސަޕްލައި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް އީރާނުން ބުނެއެވެ. ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ދޭ ހަމަލާތައް އީރާނުން އިތުރުކުރަމުންދާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާއިރު، އެމެރިކާގެ ކަނޑުގެ އަސްކަރީ ހުރަސްތަކާ ކުރިމަތިލުމަށް "ލިބެންހުރި ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށްވެސް އީރާނުން ވަނީ އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން ގަލްފުގެ ސަރަހައްދީ މަސްރަހު އިތުރަށް ހޫނުވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

ހޯރްމުޒް ކަނޑުއޮޅިއަކީ މުޅި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިއްސާކުރާ، ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު މަގެކެވެ. އޮމާނާއި އީރާނާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިއަކީ ޚާއްސަކޮށް މެދުއިރުމަތީގެ ތެޔޮ އުފައްދާ ގައުމުތަކުން ބޭރު ދުނިޔެއަށް ތެޔޮ ބޭރުކުރުމަށް އޮތް ހަމައެކަނި ކަނޑުމަގެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހުޅަނގުގެ ގައުމުތަކާއި، ޚާއްސަކޮށް އެމެރިކާއާއި އިޒްރޭލާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެގެންދާ ކޮންމެ ދަނޑިވަޅެއްގައި، ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. މި ސަރަހައްދުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއި، އުޅަނދުފަހަރު ހިފެހެއްޓުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ އެތައް ފަހަރަކު ހިނގާފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މި ސަރަހައްދުގެ ސަލާމަތީ ބާރުތައް ވަރުގަދަކޮށް އީރާނުން ދެމުންދާ އިންޒާރުތަކަކީ، ބައިނަލްއަގުވާމީ މައިދާނުގައި ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމެކެވެ.

https://wamco.com.mv/
tel:+9607331319