
އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ

އާމިނަތު ޝަޒްލާ - 27 ޖުލައި 2026 - 13:30
ދިވެހިރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށާއި، ޤައުމުގެ ހިންގުމުގެ ނިޒާމުގައި އެފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި އިންތިޚާބީ މެންބަރުން ތިއްބަވާ "ޒުވާނުންގެ މަޖިލީހެއް" ނުވަތަ ޔޫތު ޕާލަމަންޓެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
ޒުވާނުންނާއި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ފަރާތްތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމަށާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެ ފަރާތްތަކުގެ ބައިވެރިވުން ނުހަނު ބޭނުންތެރި ކަމަށެވެ. އަދި މި އުފެއްދުމަށް ނިންމާފައިވާ ޒުވާނުންގެ މަޖިލީހަކީ އެ ފަރާތްތަކުގެ އަޑު އިއްވުމަށް ލިބިގެންދާނެ ރަސްމީ ފުރުސަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޖިލިސް ގާއިމުކުރުމުގެ ބޭނުމަކީ ސިޔާސީ ދާއިރާގައި ޒުވާނުންނާއި އަންހެނުން މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމެވެ. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގެނެވޭ މި ބަދަލުތަކުގެ ސަބަބުން ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ބައިވެރިވުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށެވެ. މިއީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ރަސްމީ ނިޒާމެއްގެ ތެރެއިން ހޯދުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ނިންމަވާލައްވައިފި
8 ގަޑިއިރު ކުރިން

ވައިގަދަވެ މާފުށީގައި ޕެރެސެއިލިންގެ ވައިކުޑަ ފަޅައިގެންގޮސް މީހަކު މޫދަށް ވެއްޓިއްޖެ
9 ގަޑިއިރު ކުރިން

71 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް
9 ގަޑިއިރު ކުރިން

ކަންނެލި ގަންނަ އަގު ދަށްވެ މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)