logo

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ނިންމަވާލައްވައިފި

profile

އާމިނަތު ޝަޒްލާ - 27 ޖުލައި 2026 - 13:30

ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙުމާން، މިއަދު ފުރާވަޑައިގެންފިއެވެ.

https://wamco.com.mv/

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ފަހުމީ ޙަސަން އާއި އެ ވުޒާރާގެ ބައެއް އިސް ވެރިންނެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުގެ މަޤާމާ ޑރ. ޚަލީލުއްރަޙުމާން ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައިވެއެވެ.

މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، އެކުގައި މަސައްކަތް ކުރެވިދާނެ އެކި ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާސަލާތީ ގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 20،000 ގަސް، ދިވެހި ސަރުކާރާ ޑރ. ޚަލީލުއްރަޙުމާން ވަނީ ރަސްމީކޮށް ޙަވާލުކޮށްދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk