logo

ޓެކްސް ނުދައްކާ 170 ވިޔަފާރީގެ ނަން އާންމުކޮށްފި

profile

ޝުރުފާ މުހައްމަދު - 13 އޮކްޓޯބަރު 2024 - 19:30

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް މަތިން ފެންނަ ގޮތް

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް މަތިން ފެންނަ ގޮތް

ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި އެވެ.

މީރާއިން އެ ފަރާތްތަކުގެ ނަން އާންމުކޮށްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުންނެވެ. އެގޮތުން މީރާއިން މި ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މީރާއިން އާންމުކޮށްފައިވާ ލިސްޓަކީ މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 100،000 އަށް ވުރެ އިތުރަށް ދައްކަން ޖެހޭ ފަރާތްތަކުގެ ލިސްޓެކެވެ. މީރާއިން ބުނީ އެ ލިސްޓު އާންމުކުރީ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދައްކަން ތަކުރާރުކޮށް ހަނދާންކޮށްދީ، ތަފަތު ނޯޓިސްތައް ފޮނުވައި، އިތުރު މުއްދަތުތައް ވެސް ދިނުމަށްފަހު ކަމަށެވެ.

އެގޮތުން 7 ދުވަސް ކުރިން ރިމައިންޑަރ ކޯލެއް ދީ، ސުންގަޑީގެ ތިން ދުވަސް ކުރިން، ސުންގަނޑި ހަމަވާ ދުވަހު އަދި އޭގެ ތިން ދުވަސް ފަހުން ވެސް އެސްއެމްއެސް ނޯޓިސް ފޮނުވި ކަމަށް މީރާއިން ބުނެފައިވެ އެވެ. މީގެ އިތުރަށް އެ މުއްދަތުތަކުގެ ތެރޭގައި އެ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ފަހިކޮށްދިން ކަމަށެވެ. އަދި އެގޮތަށް ފައިސާ ދައްކަން އެއްބަސްވެއްޖެ ނަމަ އެންފޯސްމަންޓުގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ދިން ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ރިސޯޓު ވިޔަފާރީގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކެއް ހިމެނެ އެވެ. މީގެ އިތުރަށް މީގެ ކުރިން ވެސް ޓެކްސް ނުދައްކައިގެން މީރާއިން ނަން ހާމަކުރާ ލިސްޓުތަކުގައި ހިމެނޭ ބައެއް ކުންފުނިތަކާއި މަޝްހޫރު ގެސްޓުހައުސް އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ގެސްޓުޝޮޕު ފަދަ ތަންތަން މިފަހަރުގެ ލިސްޓުގައި ވެސް ހިމެނެ އެވެ.

މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ޓެކްސް ނުދައްކާ މައްސަލަތައް ފެންމަތިވެފައިވާއިރު، ބައެއް ފަރާތްތަކުން އެކަމުގެ ހުއްޖަތަކަށް ދެއްކީ ސަރުކާރުން ދައްކަން ޖެހޭ ފައިސާ އެ ކުންފުނިތަކަށް ދައްކާފައި ނެތުމެވެ. އަދި އޭގެ ސަބަބުން ފައިސާ ދައްކަން ދަތިވާކަން ކުންފުނިތަކުން ހާމަކޮށްފައިވެ އެވެ.

މީރާއިން ބުނީ ޓެކްސް ނުދެއްކި އޮތީ ދައުލަތުން ލިބެންޖެހޭ ފައިސާއެއް ނުލިބިގެން ކަމަށްވާނަމަ އެކަން ބަޔާންކޮށް، އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފައި ނުވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319