logo

ބަޣާވާތް ކުރަން އުޅުނުކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

profile

އާމިނަތު ޝަފާ - 27 އޯގަސްޓު 2024 - 18:27

އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން

ބީއެމްއެލްގެ ޑޮލަރު ކާޑުގެ ލިމިޓް އުވާލަން އެ ބޭންކުން ނިންމުމުން، އިދިކޮޅުން މާލީ ބަޣާވާތް ކުރަން އުޅުނުކަމަށް ޕީއެންސީން ކުރި ތުހުމަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ން ދޮގުކޮށްފިއެވެ.

އެމްޑީޕީ އަކީ މި ވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވާއިރު ސަރުކާރުން ކުރި ތުހުމަތުތަކާ ގުޅިގެން އެ ޕާޓީންވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ތުހުމަތުތައް ދޮގުކޮށް ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރުން ކުރިކަމަކީ ދިވެހި ރާއްޖޭގެ މާލީ ނިޒާމު ފުނޑުފުނޑުކޮށްލާވަރުގެ ކަމެއްކަމަށެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރު ވައްޓާލުމަށް އެއްވެސް ކަމެއް އިދިކޮޅުން ނުކުރާނެކަމަށާއި ސަރުކާރު ބަދަލުކުރަންޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ ހަމައެކަނި ރައްޔިތުންނަށްކަމަށެވެ.

"އިއްޔެގަ އެއީ ލަދުވެތި ދުވަހެއް. މި ވެއެތުވެދިޔަ ރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއް. ރާއްޖޭގެ ވެރިއަކު، ދިވެހި ސަރުކާރުން ނުކުމެ، މާލީ ބަޣާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހައަކީ އަޅުގަނޑުމެން މިތާ ތިބެގެން ދައްކަން ވެސް ލަދުވެތި ވާހަކައެއް".

އާދިއްތަ ދުވަހު ބީއެމްއެލްގެ ޑޮލަރު ކާޑުގެ ލިމިޓް އުވާލަން އެ ބޭންކުން ނިންމުމާ ގުޅިގެން އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމަށް ތުހުމަތުކޮށް އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުންވަނީ ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ހިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހަމަ އެވަގުތު ސޯޝަލްމީޑިއާގެ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

" ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް. އެހެންކަމުން މައްސަލަ ތަހުގީގު ކުރަންވަނީ ފަށާފައި".

މިކަމާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ބޭންކުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅުނީ ވަރަށް ދުރާލާ ރާވައިގެން ކަމަށެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރު މެޖޯރިޓީ އޮތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވަނީ ހަތަރު ޑިރެކްޓަރުންކަމަށެވެ.

ބީއެމްއެލްއިން ގެނައި ކުއްލި ބަދަލާއެކު ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް ނިންމުންވަނީ އަނބުރާ ގެންގޮސްފައެވެ.

tel:+9607331319