logo

އިބްތިދާއީ ބަހުސް އެއްދުވަހުން ނިންމައި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ކޮމިޓީއަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 15 އޮކްޓޯބަރު 2024 - 14:58

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް އެއްދުވަހުން ނިންމައި، އެ އިސްލާހު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ޓީޖީއެސްޓީ ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމްއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށްދިޔައިރު، ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ ގާތްގަނޑަކަށް 15 މެމްބަރުންނެވެ.

އެ ބިލު ބަލައިގަނެ، ބަހުސް ނިމުމުން ނެގި ވޯޓުގައި އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 52 މެމްބަރުންގެ ވޯޓާ އެކުއެވެ. އިދިކޮޅު އެމްޑީޕީގެ 7 މެމްބަރުން އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ވެއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖޫން ފެށިގެން ޓީޖީއެސްޓީ 17 އިންސައްތަ އަށް ބޮޑުކުރުމަށެވެ. މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަނީ 16 އިންސައްތައިގައެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި އިސްލާހާއެކު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 201.9 މިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށެވެ.

ޓީޖީއެސްޓީ ބޮޑުކުރުމުގެ އިތުރުން ސަރުކާރުން ވަނީ ގްރީން ޓެކްސް ވެސް ދެގުނަ ކުރުމަށް ހުށަހަޅާފަ އެވެ. މި އިސްލާހުތައް ގާނޫނުތަކަށް ގެނައުމަށް ހުށަހަޅަމުންދަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކުރުމުގެ މަގްސަދުގަ އެވެ.

https://wamco.com.mv/
tel:+9607331319