logo

ޣައްޒާގައި ހިންގާ ލޭއޮހޮރުވުންތައް އިންތިހާއަށް މައްޗަށް، ރެއިން ފެށިގެން މިހާތަނަށް 125 މީހުން ޝަހީދުކޮށްލައިފި

profile

ސައިފް އަޒުހަރު - 18 މޭ 2025 - 10:34

އިސްތިއުމާރީ ޓެރަރިސްޓުން ރެއިންފެށިގެން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދުގެ މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 125 އަށް އަރައިފިއެވެ.

https://wamco.com.mv/

މިއަދުގެ ހެނދުނާ ހަމައަށް ޝަހީދުކޮށްލި މީހުންގެ އަދަދު 101 ގައި ހުރި ނަމަވެސް، އެ އަދަދު މިހާރު މިވަނީ 125 އަށް އަރާފައެވެ.

އެންމެ ގިނަމީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އުތުރުގެ ރަށްތަކުންނެވެ.

ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އަދި ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަމަލާތައް ދެމުންގެންދަނީ އާންމުން ނިދަންތިބޭ ވަގުތާ ދިމާކޮށެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރު ގެންދަނީ ޓޭންކާއި، އަސްކަރީ ބަރު ހަތިޔާރާއެކު ޣައްޒާގެ އުތުރުގެ ރަށްތަކަށް ވަދެގަންނަމުންނެވެ.

އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ ޓެންޓުތަކަށް ވައިގެމަގުން ބޮން އަޅަމުން ގެންދާއިރު، އެއްގަމުމަގުން ވަދެގަނެގެން އުޅޭ އިސްތިއުމާރީ ސިފައިން ގެންދަނީ ހަމަލާދީ އެތައްބަޔަކު ޝަހީދު ކުރަމުންނެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނާގޮތުގައި، އެއްގަމުމަގުން ވަދެގަނެގެންއުޅޭ ޓެރަރިސްޓުން މިހާރު މިސްރާބު ޖަހާފައިވަނީ، ޣައްޒާގެ އުތުރުގައި ކިރިޔާވެސް ސިއްހީ ޚިދުމަތެއްދޭ ހޮސްޕިޓަލްތަކާ ދިމާއަށް ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ޓެރަރިސްޓުން ވަށާލައި، އެތަނުގައި ތިބި ޒަޚަމްވެފައިވާ މީހުންނާއި ބަލިމީހުންތައް މިހާރު ގަދަކަމުން ބޭރުކުރަމުން އެބަ ގެންދެއެވެ.

ހޮސްޕިޓަލް ކައިރިއަށް މިއަދު ހެނދުނު ވަރުގަދަ 10 ވައިގެ ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ޣައްޒާގެ ދެކުނުން އަލް މަވާސީ ސަރައްދުގައި އާންމުން ދިރިއުޅޭ ޓެންޓުތަކަށް ރޭގައި ދިން ވަރުގަދަ ބޮންއަޅައި އެކަނިވެސް 40 މީހުން ޝަހީދުކޮށްލާފައި ވެއެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަލް މަވާސީއަކީ އިސްތިއުމާރީ ބާރުން "ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއްވެސް މެއެވެ. އެ ސަރަހައްދުގައި އާންމުން ނިދަންތިބި ޓެންޓުތަކަށް ބޮންއެޅުމުގެ ސަބަބުން އެތައްސަތޭކަ ބަޔަކު ޒަޚަމްވިއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިދިޔަ ހުކުރު ދުވަހުން ފެށިގެންވަނީ، ޣައްޒާގެ އެތަންމިތަނަށް ދޭ ވައިގެ ހަމަލާތައް އެތައްގުނަ އިތުރުކޮށް ވަރުގަދަ ކޮށްފައެވެ.

ހަމަލާތައް މުޅިންވެސް އަމާޒުކުރަމުންގެންދަނީ އާންމުންނަށެވެ. ހަނގުރާމައިގައި ގެދޮރު ހަލާކުވެ މަގުމަތިވެފައިވާ އާއިލާތައް ދިރިއުޅޭ ތަންތަނާއި، ޓެންޓުތަކަށެވެ.

ޓެރަރިސްޓުންގެ ހަމަލާތަކުގައި މިދިޔަ ދެދުވަސްތެރޭ 250 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައިވާއިރު، އެތައް އާއިލާއެއް އެއްކޮށް ޝަހީދުކޮށްލުމުގެ ސަބަބުން ޣައްޒާގެ ސިވިލް ރަޖިސްޓަރީން އެ އާއިލާތަކުގެ ނަން ވަނީ ފޮހެލާފައެވެ.

https://wamco.com.mv/
https://www.aslu.com.mv